މާލޭ ސިޓީ ކައުންސިލުގެ އިހުތިސޯސްގެ ތެރޭގައި ހުޅުމާލެ ނުހިމެނޭ މައްސަލަ މާލޭ ސިޓީ ކައުންސިލުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މިއަދު މަޖިލީހުގެ ރިޔާސަތު ފައްޓަމުން މަޖިލީހުގެ ނާއިބު ރައީސް އިވާ އަބްދުﷲ ވިދާޅުވީ މާލޭ ސިޓީ ކައުންސިލަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން ކައުންސިލުގެ މެމްބަރުންނާއި މާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މިިމަހުގެ ފަސް ވަނަ ވަނަ ދުވަހު މަޝްވަރާތަކެއް ބޭއްވި ކަމަށެވެ.
އެ މަޝްވަރާތަކަށް ފަހު އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހުށަހަޅައިގެން ކުރިއަށް ގެންގޮސް އަންނަ އަހަރުގެ ބަޖެޓު ފާސް ކުރުމުގެ ކުރިން އެ މައްސަލަަތަކަށް ހައްލެއް ހޯދައި ދޭން މަސައްކަތް ކުރަން ނިންމި ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ފޮނުވި ސިޓީއަކާ ހަވާލާދީ އީވާ ވިދާޅުވީ ހަތް މައްސަލައެއް އެ ކައުންސިލުން ހުށަހަޅި ކަމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ދިމާވެގެން އުޅެނީ ކައުންސިލުގެ އިހުތިސޯސްގައި ހުޅުމާލެ ނުހިމެނޭ މައްސަލަ ކަމަށެެވެ. އެހެން ކަމުން އެކަން ލާމަރުކަޒީ ކޮމިޓީއަށް ހުށަހަޅައި ސަރުކާރުގެ އިދާރާތަކާ މާލޭ ސިޓީ ކައުންސިލާ ގުޅިގެން ކަންކަން ބަލާނެ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.
" އެހެންވީމާ ވީވަރަކުން ރައްޔިތުންގެ މަޖިލީހުން ވެސް އެ މައްސަލަ ހައްލު ކޮށްދޭން ޖެހޭ،" އީވާ ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލުގެ އިހުތިސޯސުގެ ތެރެއަށް ހުޅުމާލެ ގެންދިއުމާމެދު އެޗްޑީސީއާ ސިޓީ ކައުންސިލާ ދެމެދު ހިޔާލު ތަފާތު ވެފައިވާއިރު އެކަން އެގޮތަށް ކުރަން ގާނޫނީ ހުރަސްތަކެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް މިިދިޔަ މަހު ފަހުކޮޅު ވިދާޅުވެފައި ވެއެވެ.