އައިޖީއެމްއެޗް

ޑޮކްޓަރުން ތަމްރީންކުރަން އެމްއޯޔޫއެއްގައި ސޮއިކޮށްފި

Jul 6, 2022

އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ތަމްރީން ކުރުމަށް ގްލެންއީގަލްސް ގްލޯބަލް ހެލްތު ސިޓީއާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މިއެމްއޯޔޫގެ ދަށުން އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީނާއި އޮބްޒާވަޝިޕް އާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްޓަކައި ވޯލްޑައިވްސްގެ ފަރާތުން ޖީޖީއެޗްސީ އާއި ރާއްޖޭގެ ރެޕްރެޒެންޓޭޓިވްގެ އެއްބާރުލުން ލިބޭނެ އެވެ.

އެކި ބަލިތަކަށް ފަރުވާދޭ ހާއްސަ މަރުކަޒުތައް ގާއިމުކޮށްފައިވާ ގްލެންއީގަލްސްގެ ހޮސްޕިޓަލް ޗެއިންގައި އައިޖީއެމްއެޗަށް ތަފާތުއެކި ދާއިރާތަކުން އޮބްޒާވަޝިޕް ހެދުމުގެ ފުރުސަތު ވެސް ލިބިގެންދެ އެވެ. ވަކިން ހާއްސަކޮށް ގޭސްޓްރޮސައިންސްއާއި ނިއުރޯސާޖަރީގެ އިތުރުން ތަފާތު ސްޕެޝަލިސްޓް ދާއިރާތަކުން އައިޖީއެމްއެޗަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވެ އެވެ.

އައިޖީއެމްއެޗުން ހިދުމަތް ނުލިބޭ ދާއިރާތަކަށް ހާއްސަ ޑޮކްޓަރުން އެމްއޯޔޫގެ ދަށުން ރާއްޖެ ގެނެސް އައިޖީއެމްއެޗްގައި ބަލިމީހުން ބެލުމާއި ސާޖަރީކުރަންވެސް ހަމަޖެހިފައިވެ އެވެ.

"އެހެންކަމުން ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދަތުރުނުކޮށް ބަލިމީހުންނަށް ލުއިފަސޭހަވާނޭހެން ރާއްޖޭގައި ތިބެގެން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ." އައިޖީއެމްއެޗް އިން ބުނެ އެވެ.

ގްލެންއީގަލްސް ގްލޯބަލް ހޮސްޕިޓަލްސް އަކީ އައިއެޗްއެޗް ހެލްތުކެއާގެ ދަށުން ހިންގާ ހޮސްޕިޓަލުތަކެކެވެ. މުޅި ޖުމްލަ 84 ހޮސްޕިޓަލް ހިންގާ މި ގުރޫޕުގެ ހޮސްޕިޓަލްތައް ސިންގަޕޫރު، މެލޭޝިޔާ. ތުރުކީ އަދި އިންޑިއާގައި ވަނީ ގާއިމުކޮށްފަ އެވެ. ގްލެންއީގަލްސް ގްލޯބަލް ހޮސްޕިޓަލްސް އަކީ ދުނިއޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ އެންމެ މަތީ ފެންވަރުގެ ޒަމާނީ ފަރުވާދެވޭ ހޮސްޕިޓަލްތަކެކެވެ.

މި އެމްއޯޔޫގެ އެންމެ މުހިއްމު މަގުސަދަކީ އައިޖީއެމްއެޗް އިން ދެވޭ ފަރުވާއަކީ ޒަމާނީ އަދި އެންމެ ފުރިހަމަ ފަރުވާ ކަމުގައި ކަށަވަރުކުރުން ކަމަށްވެސް އައިޖީއެމްއެޗުން ބުނެ އެވެ.