މޯލްޑިވްސް ޕޮލިސް ސާވިސް

ނާޒިމްއާ އަލަމްގިރި އަދި ނަޝީދު ފުރުން މަނާކޮށްފި

އާންމުވެފައިވާ ވީޑިއޯތަކުގެ ތަހުގީގު ކުރިއަށްދާތީ އެ ވީޑިއޯތަކުން ފެންނަ ކަމަށް ތުހުމަތު ކުރެވޭ ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އަދި ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރި ފުރުން މަނާކޮށްފި އެވެ.

ވީޑިއޯތަކުގެ މައްސަލަ ބަލަމުންދާތީ ވީޑިއޯތަކުން ފެންނަ މީހުން ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައިވޭތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ފުލުހުންގެ އިދާރާއިން މިއަދު ވަނީ އެކަން ޔަގީން ކޮށްދީފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ނާޒިމް އަބްދުއްސައްތާރާއި މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އަދި އެމްޑީ އަލަމްގިރި ރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރެއް ކޯޓުން ނެރެފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރީން ފުރަތަމަ އާންމުވީ ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކާއި ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރި ކަމަށް ބުނާ މީހަކު ޖިންސީ ގުޅުން ހިންގާ މަންޒަރެވެ. އެ މީހުން ޖިންސީ ގުޅުން ހިންގި ކޮޓަރިއަށް ކާނަލް ނަޝީދު ވަންނަ ފޮޓޯތަކެއް އޭގެ ފަހުން އާންމުވިއެވެ. އެއީ ނަޝީދު ކަމަށް އެއްބަސްވިއެވެ. އަދި ބަރަހަނާވެފައި ނުވާނެ ކަމަށާ ޖިންސީ ގުޅުން ހިންގާފައި ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ފަހުން ވަނީ ނަޝީދުގެ ވީޑިއޯތަކެއްވެސް އާންމުކޮށްފައެވެ.

ވީޑިއޯތައް އާންމު ކުރަމުންދާ މީހުން މީގެ އެތައް ދުވަހެއް ކުރީން ފެށިގެން ބްލެކް މެއިލް ކުރުމުގެ މަސައްކަތްވެސް ދިޔައީ ކުރަމުންނެވެ. އެ މައްސަލަވެސް ފުލުހުން ދަނީ ބަލަމުންނެވެ. ފުލުހުން ބުނި ގޮތުގައި ވީޑިއޯތައް އާންމު ކުރަމުންދާ ބައެއް މީހުން މިހާރު ވަނީ ދެނެގަނެވިފައެވެ.