ދުނިޔެ

މޮސްކޯ އެކަހެރި ނުކުރެވޭނެ: ރަޝިއާ

ރަޝިއާ ދެކެ ބަޔަކު ކިތަން ނުރުހުންވި ނަމަވެސް، މޮސްކޯ އެކަހެރި ކުރުމަކީ ލާހިކުކަމެއް ނޫން ކަމަށް ބޮޑުވަޒީރު މިޚާއިލް މިޝޫސްޓިން ވިދާޅުވެއްޖެ އެވެ. ރަޝިއާ އޮތީ ގައުމުތަކާ އެއަށް ވުރެ މާބޮޑަށް ލާމެހިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިއާގެ އަވަށެއް ކަމަށްވާ ޔެކަޓެރިންބާގުގައި އޮތް އިންޓަނޭޝަނަލް އިންޑަސްޓްރިއަލް އެގްޒިބިޝަން 2022 ގައި ފާހަގަ ކުރެއްވި ގޮތުގައި، ރަޝިއާ އިސްވެ ހިންގާ ހަރަކާތްތަކަށް ގައުމުތަކުން ކުރިއަށް ވުރެ މިހާރު ތާއީދު ބޮޑު ކަމަށެވެ.

ޔުކްރޭން ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅަށް ހުޅަނގުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ގައުމަށް ބުރަބޮޑުވި ކަމަށް ވިދާޅުވެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އެއްވެސް ދާއިރާއެއް ޖެހިލުންވާ ވަރަށް ދަށަށް ނުދާ ކަމަށެވެ.

މިޚާއިލް މިޝޫސްޓިން ވިދާޅުވި ގޮތުގައި ރަޝިއާއަށް އޮތީ ފާގަތި ދުވަސްތަކެކެވެ. ސަބަބެއް ކަމަށް ވިދާޅުވީ ކުރިން ނިދާފައި އޮތް ބައެއް ސިނާއަތްތައް ހޭލައި މެކުހަށް ޖަހާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އުފެއްދުންތެރިކަން ބޭރު ގައުމަކަށް ބަރޯސާކުރަން ނުޖެހޭ ވަރަށް އިތުރުވަމުން އަންނަ ކަމަށެވެ.

ހުޅަނގުގެ ދަތިކުރުންތަކާ ގުޅިގެން ރަޝިއާގެ މިސްރާބު ބަދަލުކުރަން ޖެހުނު ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިން އިސްކަން ދެވުނު ބައެއް ކަންކަން ފަހަށް ބަހައްޓާފައި މިހާރު ގައުމު ދުއްވަނީ ތަފާތު މިސްރާބަކަށެވެ.

ރަޝިއާއަށް ބޭނުންވާ ބައެއް ތަކެތި ފޯރުކޮށް ދިނުމަކީ ބައެއް ގައުމުތަކަށް މިހާރު މަނާކަމެއް ކަމަށްވެސް މިޚާއިލް ވިދާޅުވި އެވެ. އަމިއްލައަށް އެތަކެތި އަދި ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އުފައްދަން ޖެހުނީ އެހެންވެ ކަމަށްވެސް ވިދާޅުވި އެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮގުތައި ގައުމުގެ މިސްރާބު ދޭތެރެ ދޭރެއިން ވަޒަން ކުރެވޭނެ އެވެ. އަދި މިސްރާބަށް ބަދަލެއް ގެނައުން ބުއްދިއަށް ގަބޫލު ކުރެވޭނެ ނަމަ އެގޮތަށް ނިންމަވާނެ ކަމަށެވެ.