އެޗްޕީއޭ

އާންމު ބަލިތައް އިތުރުވެފައިވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

Jul 7, 2022

އަރިދަފުސް ރޯގާއާއި ޑެންގީ އަދި ބޭރަށް ހިންގުމުގެ ކޭސްތައް އިތުރުވެއްޖެ އެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ އާންމު ބަލިތަކުގެ މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖޭގައި އާންމު ބަލިތައް ވަނީ އިތުރުވެފަ އެވެ.

މިދިޔަ މަހު ޑެންގީ ހުން ޖެހިގެން 294 މީހަކު ފަރުވާ ހޯދާފައިވާއިރު އަރިދަފުސް ރޯގާ ޖެހިގެން 21،802 މީހުން އަދި ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން 2،376 މީހުން ވަނީ ފަރުވާ ހޯދާފަ އެވެ.

އާންމު ބަލިތައް ފެތުރުން އިތުރުވެފައިވާތީ އެޗްޕީއޭ އިން ވަނީ ރައްކާތެރިކަމުގައި ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ޓިޝޫއަކުން ނިވާކުރުމާއި އަދި ސައިބޯނި ލައިގެން އަތް ދޮވުން އިތުރު ކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ހުން އައިސް ކެއްސުމުގެ އަލާމާތްތައް ހަށިގަނޑުން ފެންނަ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަޑުޖައްސާލުމަށްވެސް އެޗްޕީއޭ އިން އެދިފައިވެ އެވެ.