މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

ޕްލާސްޓިކްގެ މައްސަލަ ހައްލުކުރަން އެމްއޯޔޫއެއްގައި ސޮއިކޮށްފި

Jul 7, 2022
3

ސިންގަލް-ޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭން 2020-2023 ތަންފީޒުކުރަން އެމްއޯޔޫއެއްްގައި ރާއްޖެއިން ކޮމަން ސީސްއާ އެކު ސޮއިކޮށްފި އެވެ.

އެމްއޯޔޫގައި ސަރުކާރުން ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ 27 އިން މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި ކުރިއަށް ދިޔަ "ޔުނައިޓެޑް ނޭޝަންސް އޯޝަން ކޮންފަރެންސް 2022' ގައެވެ.

ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެެވެ. ކޮމަން ސީސްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ޖޯ ރޮއިލް އެވެ.

ކޮމަން ސީސް އަކީ ޕްލާސްޓިކް އުފެއްދުމާއި ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ބާރުއެޅުމުގެ ގޮތުން ބައިނަލްއަޤުވާމީ ފެންވަރުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ޖަމާއަތެކެވެ. އެގޮތުން ސަރުކާރުތަކާއި ކުންފުނިތަކާއި ކައުންސިލްތަކާ ގުޅިގެން ޕްލާސްޓިކްގެ މައްސަލައަށް ހައްލު ހޯދުމަށް ހާއްސަ އިސްކަމެއް ދީގެން ކޮމަން ސީސް އިން މަސައްކަތް ކުރެ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ސިންގަލް-ޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭންގައި ސޮއިކުރީ އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ކޮމަން ސީސްއާ ގުޅިގެން ތަންފީޒުކުރަން ކަމަށެވެ.

ސިންގަލް-ޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭނަކީ، ދިވެހިރާއްޖޭގެ އިގްތިސާދު ހިމާޔަތްކުރުމުގެ ގޮތުންނާއި ޕްލާސްޓިކުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ތަންފީޒު ކުރާ ޕްލޭނެކެވެ.

މި ޕްލޭންގެ ދަށުން ޕްލާސްޓިކާ ގުޅުންހުރި ހަ ސިޔާސަތެއް އެކި މަރުހަލާތަކަށް ބަހާލައިގެން ތަންފީޒު ކުރަން ވަނީ ނިންމާފަ އެވެ. އެގޮތުން ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި، އެތަކެތި ރާއްޖެއަށް އެތެރެކުރުން މަރުހަލާތަކަކަށް ބަހާލައިގެން މަނާކުރުން ހިމެނެ އެވެ.