ރައީސް އޮފީސް

ހަތަރު ގައުމުގެ ސަލާމަތީ މުޝީރުންގެ ބައްދަލުވުން ނިންމާލައިފި

Jul 7, 2022

ކޮލަމްބޯ ސެކިއުރީޓީ ކޮންކްލޭވްގެ މެމްބަރު ގައުމުތަކުގެ މެދުގައި ބޭއްވި ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ހަވަނަ ބައްދަލުވުން ނިންމާލައިފި އެވެ.

މިބައްދަލުވުން މިއަދު ކުރިއަށް ގެންދިޔައީ އިންޑިއާގެ ކޮޗިންގަ އެވެ. ރާއްޖޭގެ ވަފްދުގައި އިސްކޮށް ހުންނެވީ ފޮރިން ސެކްރެޓަރީ އަހްމަދު ލަތީފް އެވެ.

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖެ، ސްރީލަންކާ، މޮރިޝަސް އަދި އިންޑިއާ އެވެ.

މިބައްދަލުވުމުގެ އޮބްޒާވަރުންގެ ގޮތުގައި ބަންގްލަދޭޝް އާއި ސީޝެލްސްގެ ވަފުދުތައް ބައިވެރިވެފައިވެ އެވެ.

މިބައްދަލުވުމުގައި މެމްބަރު ގައުމުތަކުން ވަނީ ގައުމުތަކުގެ މެދުގައި އެއްބާރުލުން ދިނުމުގެ މަގުޗާޓު 2022 އިން 2023 އަށް ތަންފީޒުކުރުމާ ގުޅޭ ގޮތުންނާއި މިއަހަރުގެ މާޗް މަހުގެ 9 އިން 10އަށް ރާއްޖޭގައި ބޭއްވި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ފަސްވަނަ ބައްދަލުވުމުގައި ނިންމި ނިންމުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

މީގެ ތެރޭގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ހަރުކަށި ފިކުރާއި، ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމާއި، ރާވައިގެން ހިންގާ ކުށްތަކާއި، ވަގުވިޔަފާރި ހުއްޓުވުމާއި، ސައިބާ ސެކިއުރިޓީ އާއި ޓެކްނޮލޮޖީގެ ނާޒުކު ވަސީލަތްތައް ހިމާޔަތްކުރުން އަދި އިންސާނީ އެހީ ފޯރުކޮށްދިނުމާއި ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގައި އެހީވުން ހިމެނެ އެވެ.