ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ހަށިކޮޅަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާތަކުގައި އެމަނިކުފާނު އަވަހާރަވުމާއި ގުޅިގެން އެކަމުގެ ހިތާމާގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އަބޭގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފި އެވެ.
ރައީސް ސޯލިހްްގެ ތައުޒިޔާގެ މެސެޖްގައި ވިދާޅުވީ އަބޭ އަވަހާރަވީ ހަބަރު އެހީ ފުން ހިތާމަޔާއެކީ ކަމަށެވެ. އަދި ހިތާމައިގެ މިދަނޑުގައި ޖަޕާންގެ ރައްޔިތުންނާއި ޝިންޒޯ އަބޭގެ އާއިލާއަށް އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައާއި ދިވެހި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވަނީ ފޮނުއްވާފައެވެ. އަދި ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަކީ ޖަޕާނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ވަރުގަދަ ސިޔާސީ ޝަޚުސިއްޔަތެއްކަން ފާހަގަކުރައްވާ އެމަނިކުފާނުގެ ބޮޑުވަޒީރުކަމުގައި ދިވެހިރާއްޖެ އާއިއެކު އޭގެ ކުރިން ދުވަހަކުވެސް ގުޅުން ބަދަހިވެފައި ނުވާ މިންވަރަށް އިގްތިސާދީ އަދި ސިޔާސީ ގުޅުންތައް ބަދަހިވެގެން ދިޔަކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވިއެވެ.
ޖަޕާންގެ ރަސްމީ މީޑިއާ އެންއެޗްކޭ ބުނީ ފަރުވާ ދެމުން ދަނިކޮށް ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވެއްޖެ ކަމަށެވެ.
އަބޭ ގަޔަށް ބަޑިޖަހާފައި ވަނީ ކެމްޕެއިން އެއްވުމެގައި ޖަޕާންގެ އަވަށެއްގައި ވާހަކަ ދައްކަވަނިކޮށެވެ. އޭއެފްޕީއާ ހަވާލާދީ މަޝްހޫރު ޚަބަރު ނޫސްތަކުން ބުނާ ގޮތުން ބަޑިޖަހާފައި ވަނީ އަބޭގެ މެއަށެވެ. ޚަބަރުތައް ބުނާ ގޮތުން އަބޭ ގަޔަށް ބަޑިޖަހާފައި ވަނީ ފުރަގަހުންނެވެ. އަދި މި ހާދިސާއާ ގުޅިގެން ޖަޕާން ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފައެވެ. އެ މީހާ، އަބޭއަށް ހަމަލާ ދީފައިވަނީ އަމިއްލައަށް ތައްޔާރު ކޮށްފައިވާ ބަޑިއަކުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ކުށްމަދު އަދި އަމާން ގައުމެއްގެ ގޮތުގައި އޮތް ޖަޕާންގައި، ބަޑީގެ ހަމަލާތަކެއްދީ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލުމަކީ އެ ގައުމަށް ސިހުން ގެނުވި ކަމެކެވެ.
ޖަޕާންގެ ބޮޑުވަޒީރު ކަމަށް އަބޭ ވަޑައިގަތީ 2006 ގަ އެވެ. އެއަށް ފަހު 2012 – 2020 އަށް ވެސް ބޮޑުވަޒީރުގެ މަގާމު އަދާކުރެއްވި އެވެ. އަބޭއަކީ ޖަޕާންގައި އެންމެ ނުފޫޒު ގަދަ ސިޔާސީ ޝަހުސިއްޔަތެވެ. އަދި އެއީ އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރު ކަން ކުރެއްވި ލީޑަރެވެ.