ޖަޕާނަކީ ރާއްޖޭގެ ތަރައްގީގެ ވަރަށް މުހިންމު ބައިވެރިއެއް ކަމަށް ރައީސުލެޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތަކެއި ޝުންސުކެ އާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ސޯލިހު ވަނީ ޖަޕާނަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު ބައިވެރިއެއް ކަމަށް ވިދާޅުވެ ޖަޕާނު ސަރުކާރުން ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ދެއްވާފައިވާ އެހީތެރިކަމަށް ޝުކުރުއަދާ ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ގާތް ގުޅުމާ ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފަ އެވެ. އަދި މިއަހަރަކީ ރާއްޖެއާއި ޖަޕާނުގެ ގުޅުމަށް 55 އަހަރު ފުރޭ އަހަރުކަންވެސް ފާހަގަ ކުރައްވާފައިވެ އެވެ.
ޖަޕާނާއި ރާއްޖެއިން ޝައުގުވެރިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
އެގޮތުން މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި އިޖްތިމާއީ އަދި އިގްތިސޯދީ ދާއިރާއިންނާއި ސަރަހައްދީ ސަލާމަތާ ގުޅޭގޮތުންނާއި ދޭދޭ ރައްޔިތުންގެ ދެމެދުގައި ގުޅުން ބަދަހިކުރުމާއި ކާރިސާތަކުން ރައްކާތެރިވުމާއި ކުނި މެނޭޖުކުރުމާއި މޫސުމީ ބަދަލުތަކާއި ގުޅޭކަންކަން ހިމެނެ އެވެ.
ރައީސް ސޯލިހާއި ސްޓޭޓް މިނިސްޓަރު ތަކެއިގެ ބައްދަލުވުން ނިންމަވާލައްވާފައި ވަނީ ކުރިއަށް އޮތް ތަނުގައި ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޔަގީންކަން ދެއްވަމުންނެވެ.