ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ ކުށްތައް ހުއްޓުވުމަށްޓަކައި އެހީވުމަށް ޖަޕާނު ސަރުކާރުން ރާއްޖެއަށް 38.5 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން އެއްބަސްވެއްޖެ އެވެ.
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަށް ޖަޕާން ސަރުކާރުން ދޭ ހިލޭ އެހީގެ އެއްބަސްވުމުގައި ޖަޕާނުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާން ސަފީރު ޓެކުއެޗި މިޑޯރީ އެވެ.
ޔޫއެންއޯޑީސީގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއި ކުރެއްވީ ސައުތު އޭޝިއާ އޮފީހަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ރެޕްރެޒެންޓޭޓިވް މާކޯ މޮރެއިރާ ޑެ ސާ އަސުންކާއޯ އެވެ.
މި ޕްރޮގްރާމަކީ ކަނޑުމަތީގައި ހިންގާ މަސްތުވާތަކެތީގެ ވިޔަފާރި އާއި މަސްވެރިކަމާއި ގުޅޭ ކުށްތައް ހުއްޓުވުމަށް ހިންގާ ޕްރޮގްރާމެކެވެ.
މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ ފަރާތްތަކަށް ގާނޫނީ ހައްގުތައް ކަށަވަރުކޮށްދޭކަން ޔަގީންކުރުމަށް ޖަޕާންގެ ހިލޭ އެހީގެ ދަށުން މަސައްކަތްކުރާނެ އެވެ.
މީގެ އިތުރުން ޖިނާއީ އަދުލުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ އިލްމާއި ހުނަރާއި ގާބިލުކަން އިތުރު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އަދި މެރިޓައިލް ސެކިއުރިޓީގައި ހަރަކާތްތެރިވާ މީހުންގެ ފަންނީ ގާބިލްކަން އިތުރު ކުރުމަށްވެސް މަސައްކަތް ކުރާނެ އެވެ.