ޖަޕާން

އޯޓިޒަމް އެސޯސިއޭޝަނަށް ޖަޕާނުގެ އެހީއެއް

ޖަޕާން ސަރުކާރުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް ބޮޑު އެހީއެއް ދީފި އެވެ.

ހުޅުމާލޭގައި ހުންނަ އޯޓިޒަމް އެސޯސިއޭޝަންގެ އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެހީގެ ތަކެތި އޯޓިޒަމް އެސޯސިއޭޝަނާ ހަވާލު ކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

ޖަޕާނުން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ލޮލޮގެ ފެނުމުގައި މައްސަލަ ހުރޭތޯ ބަލަން ބޭނުންކުރާ ވިޝަން ސްކްރީނާއަކާއި އަޑުއިވުމުގައި މައްސަލަތައް ހުރޭތޯ ދެނެގަތުމަށް ބޭނުންކުރާ ހިއަރިން ސްކްރީނެއް ހިމެނެ އެވެ. މި ތަކެތީގެ އަގު 41،133 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 634،270.9 ރުފިޔާ) އަށް އަރާނެ ކަމަށް ޖަޕާނުގެ އެމްބަސީން ބުނެއެެވެ.

ވިޝަން ސްކްރީނާ ބޭނުން ކޮށްގެން ހަ މަހުން މަތީގެ ކުދިންގެ ފެނުމުގައި މައްސަލަތައް ހުރިތޯ ދެނެގަނެވޭއިރު ހިއަރިން ސްކްރީނާ ބޭނުން ކޮށްގެން އެންމެ ތުއްތު ކުދިންގެ އަޑުއިވުމުގެ މައްސަލަތައް ހުރިތޯ ބެލޭނެ އެެވެ.

އެ ތަކެތި ބޭނުން ކުރުމުގެ ހާއްސަ ތަމްރީންތައް ވެސް އޯޓިޒަމް އެސޯސިއޭޝަންގެ މުވައްޒަފުންނަށް ވަނީ ދީފަ އެވެ. ޖަޕާން ސަރުކާރުން ހަދިޔާ ކުރި ތަކެއްޗަކީ އޯޓިޒަމް އެސޯސިއޭޝަނާއި ޖަޕާންގެ ސަފީރާ ދެމެދު 2019 ވަނަ އަހަރު ގާއިމްކުރި އެހީގެ އެއްބަސްވުމުގެ ދަށުން ހަދިޔާ ކުރި ތަކެއްޗެވެ.