ރޮޒައިނާ އާދަމް

އެމްޑީޕީގެ ބަޔަކު ދަނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުން: ރޮޒައިނާ

Jul 8, 2022
3

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ވައްޓާލުމަށް އެމްޑީޕީގެ ތެރެއިން ބަޔަކު މަސައްކަތް ކުރަމުންދާ އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒައިނާ އާދަމް ތުހުމަތުކުރައްވައިފި އެވެ.

ރޮޒައިނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިވަގުތު އެމްޑީޕީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެމްޑީޕީގެ ތިބެގެން އެމްޑީޕީގެ ބަޔަކު އެމްޑީޕީގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ރައީސް ސޯލިހަށް ލިބެމުންދާ ތާއީދު ނަގާލުމަށްވެސް އެމްޑީޕީގެ ތެރެއިން ބަޔަކު ދަނީ ރެއާއި ދުވާލު މަސައްކަތް ކުރަމުންނެވެ.

"ރައްޔިތުންނަށް އޮޅުވާލާ ފިތުނަ އުފެއްދުމަށް ޕީޕީއެމްއަށް ވުރެ ބުރަކޮށް މިބޭފުޅުން އެބަ [މަސައްކަތް] ކުރައްވާ،" އެމްޑީޕީގެ ބަޔަކަށް އަމާޒުކޮށް ރޮޒައިނާ ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ބައެއް މެންބަރުންނަށް ރޮޒައިނާ ތުހުމަތުކުރެއްވި ނަމަވެސް އެއީ ކޮން ބައެއް ކަމެއް އޭނާ ވިދާޅުވެފައެއް ނުވެ އެވެ.

އެމްޑީޕީގެ ތެރެއިން ބާރުވެރިކަން ހޯދުމަށް ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ކުރައްވާ މަސައްކަތްތަކާ ގުޅިގެން ދެ ބޭފުޅުންނަށް ތާއީދުކުރައްވާ އާންމު މެންބަރުން ގެންދަނީ ދެ ފެކްޝަނެއްގެ ގޮތުގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރަމުންނެވެ.

ރޮޒައިނާ ފާހަގަކުރެވިފައިވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ އެމަނިކުފާނުގެ ދިފާއުގައި އަބަދުވެސް އެންމެ ބޮޑަށް ވަކާލާތު ކުރައްވާ މަޖިލީހުގެ މެންބަރުގެ ގޮތުގަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ދިނުން އެންމެ ރަނގަޅީ ވެސް ރައީސް ސޯލިހަށް ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ.