ސިވިލް ކޯޓަށާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ. ފަނޑިޔާރުން ހޯދުމަށް އިއުލާން ކޮށްފައިމިވަނީ ސިވިލް ކޯޓުތަކުން ފަނޑިޔާރުން އިސްތިއުފާ ދެއްވައި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ބަދަލުކުރުމާ ގުޅިގެންނެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި އައިޝާ ޝުޖޫން މުހައްމަދާއި މަރިޔަމް ނިހާޔަތު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި ކްރިމިނަލް ކޯޓުގައި ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި އަބްދުﷲ ދީދީ އާއި ޝުޖާއު އުސްމާނު ވަނީ ހައި ކޯޓު ފަނޑިޔާރު ކަމަށް ބަދަލުކޮށްފަ އެވެ.
އެ ކޮމިޝަނުން މިއަދު އާންމުކުރި އިއުލާނުގައިވާ ގޮތުން ސިވިލް ކޯޓަށާއި ކްރިމިނަލް ކޯޓަށް ކޮންމެ ކޯޓަކަށް ދެ ފަނޑިޔާރުން ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލެވޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރުވެފައި ވުމާއި ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުމާއި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ލިބިފައިވުން ހިމެނެ އެވެ.
މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،300 ރުފިޔާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ލިބޭނެ ކަމަށް އިއުލާންގައިވާއިރު ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް 46،650 ރުފިޔާ އުޖޫރައެއްގެ ގޮތުގައި ކޮންމެ މަހަކު ލިބޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ. ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އުސޫލެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯން އެލަވަންސް ވެސް ކޮންމެ ފަނޑިޔާރަކަށް ލިބޭނެ ކަމަށް ޖޭއެސްސީއިން ވަނީ ބުނެފަ އެވެ.
ސިވިލް ކޯޓަށާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް އިއުލާންކޮށްފައިވާއިރު ހައި ކޯޓަށް ފަނޑިޔާރަކު ހޯދުމަށް ވެސް ވަނީ އިއުލާންކޮށްފަ އެވެ.