ހެނބަދޫ

ރާމީޒު ދުއްވި ކަމަށް ބުނާ ކެނޯ ފެނިއްޖެ

ނ. ހެނބަދޫން ގެއްލިގެން ހޯދަމުން އަންނަ އިބްރާހީމް ރާމިޒް ދަތުރު ކުރި ކަމަށް ބެލެވޭ ކެނޯ ފެނިއްޖެ އެވެ.

ރާމިޒު އެންމެ ފަހުން އެ ރަށުން ފެނިފައިވަނީ ޖުލައި ހަތްވަނަ ދުވަހުގެ ރޭ 7:00 ޖަހާއިރު އެވެ. ރާމިޒު އެ ރަށުގައި އޮތް ކެނޯއެއްގައި ފަލި ޖަހާފައި އެ އަތޮޅު އެހެން ރަށަކަށް ދިޔަ ކަމަށް ރަށު ތެރޭގައި ކިޔައެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ ހެނބަދޫން ގެއްލިގެން ހޯދަމުން އަންނަ އިބްރާހީމް ރާމިޒް ދަތުރު ކުރި ކަމަށް ބެލެވޭ ކެނޯ ފެނިފައިވާ ކަމަށެވެ. ކެނޯ ފެނިފައިވަނީ ކެނދިކުޅުދޫގެ ހުޅަނގުއުތުރު ފަރާތު އަތިރިމައްޗަށް ލައްގާފައި އޮއްވައެވެ. ފުރަތަމަ ޑިންގީ ފެނުނީ އާންމުންގެ މީހަކަށެވެ.

"އިބްރާހީމް ރާމިޒް ދަތުރުކުރިކަމަށް ބެލެވޭ ކެނޯ ފެނުނުކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހެނދުނު 10:15 ހާއިރު. އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ދަނީ ކުރަމުން،" އެމްއެންޑީއެފް އިން ބުންޏެވެ.

ރާމިޒު ހޯދަން ނ.ހެނބަދޫ އާއި ކެނދިކުޅުދޫ އަދި ކައިރީގައިވާ ރަށްތަކުގެ ގޮނޑުދޮށްތަކާއި ކަނޑުގެ ސަރަހައްދު މިއަދު ހެނދުނު ކޯސްޓްގާޑުގެ ސިފައިން ބަލާފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފް ޑޯނިއާ މަތިންދާބޯޓުގައި ވައިގެ މަގުން އެ ހިސާބުގެ ކަނޑުގެ ސަރަހައްދު ވެސް ވަނީ ބަލާފައެވެ.