އެމްއެންޑީއެފް

ރާމިޒު ހޯދަން 7،000 މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލައިފި

Jul 11, 2022

ނ. ހެނބަދޫ، ކުންނާރުމާގޭ، އިބްރާހިމް ރާމިޒް ހޯދުމަށް 7،481.699 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފި އެވެ.

އެމްއެންޑީއެފް އިން ބުނީ މިހާތަނަށް ބެލި ސަރަހައްދުން ރާމިޒު ފެނިފައި ނުވާ ކަމަށެވެ. އޭނާ ހޯދުމަށް ކުރަމުންދާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށްވެސް ސިފައިންގެއިން ބުނެ އެވެ.

އަވަސް އަށް މިމަހުގެ ހަތްވަނަ ދުވަހު މައުލޫމާތު ދެއްވަމުން އިބްރާހީމް ރާމިޒުގެ އާއިލާއާ ހަވާލާދީ ހެނބަދޫ ކައުންސިލްގެ ރައީސް ހުސައިން އަބޫބަކުރު ވިދާޅުވީ ރާމިޒު ދެކުނުގެ ރަށެއްގައި ފެނަކަ ކޯޕަރޭޝަންގެ ވަޒީފާއެއްގައި އުޅެފައި މައްސަލައެއް ޖެހިގެން އެ ރަށަށް ދިޔަތާ އޭރުވީ ތިން ހަތަރު ދުވަހެއް ކަމަށެވެ.

ހުސައިން ވިދާޅުވި ގޮތުގައި އިބްރާހީމް ރާމިޒު އެންމެ ފަހުން އެ ރަށުން ފެނިފައިވަނީ ހަވަނަ ދުވަހުގެ ރޭ 7:00 ޖެހިއިރު އެ ރަށު ފިހާރަ އަކުން ކަމަށެވެ.

ހެނބަދޫ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ އިބްރާހީމް ރާމިޒު އެ ރަށުގައި އޮތް ކެނޯއެއްގައި ފަލި ޖަހާފައި އެ އަތޮޅު އެހެން ރަށަކަށް ދިޔަ ކަމަށް ރަށު ތެރޭގައި ކިޔާ ކަމަށެވެ. އޭނާ ބޭނުންކުރި ކަމަށް ބުނާ ކެނޯ ރަށުގައި މިހާރު ނެތް ކަމަށްވެސް ބުންޏެވެ.

"ބޮޑަށް ބެލެވެނީ އޭނާ ފަލި ޖަހާފައި މިއަތޮޅު ކެނިދިކުޅުދޫ ކަހަލަ ރަށަކަށް ދިޔައީ ކަމަށް،" އޭނާ ބުންޏެވެ.

ރާމިޒު ދަތުރުކުރި ކަމަށް ބުނާ ކެނޯ ފެނިފައިވާ ކަމަށް ސިފައިންގެއިން ކުރިން ބުނެފައިވެ އެވެ.

ނ. އަތޮޅު ކައުންސިލް އިދާރާ އިން ބުނީ އިބްރާހީމް ރާމިޒު އެންމެ ފަހުން ލައިގެން ހުރީ ހުދު ޓީޝާޓަކާއި ނޫ ކުލައިގެ ފަޓުލޫނެއް ކަމަށެވެ.

ރާމިޒް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ މަނަދޫ ޕޮލިސްގެ ނަންބަރު 9792039 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށްވެސް ނ. އަތޮޅު ކައުންސިލުން އެދިފައިވެ އެވެ.