ހެނބަދޫ

ރާމިޒު ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި، ނުފެނުނު

ނ. ހެނބަދޫ މީހަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

ހޯދަމުން ދަނީ ހެނބަދޫ، ކުންނާރުމާގޭ، އިބްރާހިމް ރާމިޒް އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އިބްރާހީމް ރާމިޒުގެ އާއިލާއާ ހަވާލާދީ ހެނބަދޫ ކައުންސިލްގެ ރައީސް ހުސައިން އަބޫބަކުރު ވިދާޅުވީ އޭނާ ދެކުނުގެ ރަށެއްގައި ފެނަކަ ކޯޕަރޭޝަންގެ ވަޒީފާއެއްގައި އުޅެފައި މައްސަލައެއް ޖެހިގެން އެ ރަށަށް ދިޔަތާ އަދިވީ ތިން ހަތަރު ދުވަހެއް ކަމަށެވެ.

ހުސައިން ވިދާޅުވި ގޮތުގައި އިބްރާހީމް ރާމިޒު އެންމެ ފަހުން އެ ރަށުން ފެނިފައިވަނީ އިހަށް ރޭ 7:00 ޖަހާއިރު އެ ރަށު ފިހާރަ އަކުން ކަމަށެވެ. ރާމިޒު އެ ރަށުގައި އޮތް ކެނޯއެއްގައި ފަލި ޖަހާފައި އެ އަތޮޅު އެހެން ރަށަކަށް ދިޔަ ކަމަށް ރަށު ތެރޭގައި ކިޔައެވެ.

އެމްއެންޑީއެފުން މިރޭ ބުނީ ހެނބަދޫން ރޭ މީހަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެ މީހާ ހޯދުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ފުލުހުންނާ ގުޅިގެން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. ގެއްލުނު މީހާ ހޯދުމަށް ނ.ހެނބަދޫ އާއި ކެނދިކުޅުދޫ އަދި ކައިރީގައިވާ ރަށްތަކުގެ ގޮނޑުދޮށްތަކާއި ކަނޑުގެ ސަރަހައްދު މިއަދު ހެނދުނު ކޯސްޓްގާޑުގެ ސިފައިން ބަލާފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފް ޑޯނިއާ މަތިންދާބޯޓުގައި ވައިގެ މަގުން އެ ހިސާބުގެ ކަނޑުގެ ސަރަހައްދު ވެސް ބަލާފައިވާ ކަމަށް ބުންޏެވެ.

ނަމަވެސް އޭނާގެ އެއްވެސް ހަބަރެއް އަދި ނުވެއެވެ.