ސްރީލަންކާ

އިސްތިއުފާ ދެއްވަން ރަނިލް ދެކޮޅު ހައްދަވައިފި

ސްރީލަންކާ -- ޕާޓީގެ ލީޑަރުންގެ ބައްދަލުވުމުގައި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވައިފި އެވެ. މިހާރު ކުރިއަށްދާ ބައްދަލްވުމާއި ގުޅޭގޮތުން ލަންކާގެ ނޫސްތަކުން ބުނީ ޕާޓީތަކުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިސްތިއުފާ ދެއްވަން ހުށައެޅުއްވި ކަމަށެވެ. ނަމަވެސް އެ ހުށައެޅުމާ ދެކޮޅު ހައްދަވާފައިވާ ކަމަށެވެ.

މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދެނާ ރިޔާސަތު ބަލަހައްޓަވާ ޕާޓީގެ ލީޑަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މެމްބަރަކު ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އާއި ބޮޑުވަޒީރު ވެސް އިސްތިއުފާ ދެއްވުމަށް ޕާޓީތަކުން ވަނީ އެދިފައެވެ.

ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލްވުމުގައި ހުރިހާ ލީޑަރުން ވެސް ވަނީ ހުރިހާ ޕާޓީތަކެއް ބައިވެރިވާ ސަރުކާރެއް ގާއިމު ކުރުމަށް ހުށައަޅުއްވާފައެވެ.

ސްރީލަންކާގެ ހާލަތު އަނެއްކާވެސް ގޯސްވެ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ހިނގައިދާނެ ކަމަށް ވަނީ ބެލެވިފައެވެ. ލަންކާގެ ވެރިރަށުގައި އާންމުންގެ އެތައް ހާސް ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ކުރަމުންދާ މީހުން ވަނީ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ގެކޮޅު ތެރެއަށް ވަދެގެންފައެވެ. ކޮލަމްބޯގައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ ގެ އާއި އޮފީސް ވެސް ލަންކާގެ މުޒާހަރާގެ ބައިވެރިން ވަނީ ހިފާފަ އެވެ. ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ހުންނެވި ތަނެއް އަދި ނޭނގެ ކަމަށް ނޫސްތަކުގައިވެއެވެ. އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން ރައީސް މިހާރު ހުންނެވީ ސިފައިންގެ އަސްކަރީ މަނަވަރުގައެވެ. އަދި މަނަވަރަށް ރައީސްގެ ބައެއް ތަކެތި އަރުވާ މަންޒަރު ކަމަށް ބުނެ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.

މުޒާހަރާ ކުރަމުންދާ މީހުން ރައީސްގެ ގެކޮޅަށް ވަދެގަތުމަށް މިސްރާބު ޖެހުމުން ސަލާމަތީ ބާރުތަކުން ވަނީ އެ މީހުން ހުއްޓުވަން މަސައްކަތް ކޮށްފައެވެ. ބާރުގެ ބޭނުން ކުރި ނަމަވެސް މުޒާހަރާގެ ބައިވެރީން ހުއްޓުވޭ ގޮތެއް ނުވީ އެވެ.