ޑރ. މުހައްމަދު މުއިއްޒު

ނައިޓް މާކެޓް ބާއްވާނީ ކޮވިޑް ކޮންޓްރޯލްވުމުން: މުއިއްޒު

Jul 9, 2022

މާލޭގައި ނައިޓް މާކެޓް ބާއްވާނީ ކޮވިޑް ކޭސްތަކުގެ އަދަދުތައް ދަށްވެ ބަލިތައް މަދުވުމުން ކަމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ މާލޭގައި ނައިޓް މާކެޓް ބާއްވަން ނިންމާ މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނަކާ ގުޅިގެން ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގަ އެވެ.

އާންމުންގެ ފާޑުކިޔުން އަމާޒުވީ މިދުވަސްވަރު އަނެއްކާވެސް މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވެފައި ވަނިކޮށް ގިނަ ބަޔަކަށް އެއްތަނަކަށް އެއްވެވޭ ގޮތަށް ނައިޓް މާކެޓް ބޭއްވުމަށް އިއުލާންކުރުމުންނެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާންގައި ވަނީ ނައިޓް މާރކެޓް ރާވާ، ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އެދިފަ އެވެ.

ފާޑުކިޔުންތަކާ ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ނައިޓް ބާއްވަން އިއުލާންކޮށްފައިވީ ނަމަވެސް އެކަން ކުރާނީ ކޮވިޑް ކޭސްތައް އެންމެ ބޮޑަށް މަދުވިއިރު ހުރި ވަރަށް އަދަދު މަދުވީ ދުވަހަކުން ކަމަށެވެ.

"ކޮވިޑާއި ޑެންގޫ ފަދަ ރޯގާތައް ގިނަ އިރެއްގައި ސިޓީ ކައުންސިލުން މާލެ ސިޓީގައި ނައިޓް މާކެޓް ނުބާއްވާނަން،" މުއިއްޒު ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުން ކޮވިޑްގެ ދުވަސްވަރު ބޭއްވި ނައިޓް މާކެޓެއް އެޗްޕީއޭގެ އުސޫލުތަކާ ހިލާފަށް ކުރިއަށް ގެންދިއުމުން މީގެކުރިން ހުއްޓުވާފައިވެސްވެ އެވެ.