މަންދު ކޮލެޖް

މަންދު ކޮލެޖު ހިންގާ ކުންފުނިން އެދުނު އަމުރެއް ނުދިން

Jul 10, 2022

އެމްއީއެސް ކުރިން ހިންގި އިމާރާތް ބޭނުންކުރުން ހުއްޓުވަން މަންދު ކޮލެޖު ހިންގަމުންދާ ކުންފުނި -- މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން އެދުނު އަމުރު ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފި އެވެ.

އެމްއީއެސް އިމާރާތުގައި މަންދު ކޮލެޖު ހިންގަމުން ދަނިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އެ ކޮލެޖާ އެކު ހަދާފައިވާ އެއްބަސްވުން 2015 ބާތިލްކޮށް އެތަނުން މަންދު ކޮލެޖު ނެރެފަ އެވެ.

އެ މައްސަލައިގައި މަންދު ކޮލެޖުން ވަނީ ގެއްލުމުގެ ބަދަލު ހޯދުމަށާއި އެ އިމާރާތް އަލުން ހޯދުމަށް ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ.

ހައިކޯޓާއި ސުޕްރީމް ކޯޓުން ވަނީ އިމާރާތުން މަންދު ކޮލެޖު ނެރުނީ ގޯސްކޮށް ކަމަށް ކަނޑައަޅައި އެ ކޮލެޖަށް ބަދަލު ދިނުމަށް އަމުރުކޮށްފަ އެވެ. ނަމަވެސް ސިވިލް ކޯޓުން މިދިޔަ ފެބްރުއަރީ މަހު ނިންމި ނިންމުމުގައި ވަނީ އެ އިމާރާތް މަންދު ކޮލެޖާ އަލުން ހަވާލުކުރެވެން ނެތް ކަމަށް ކަނޑައަޅާފަ އެވެ.

ސިވިލް ކޯޓުގެ ހުކުމް މަންދު ކޮލެޖުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރީ މައްސަލަ ވަކި ގޮތަަކަށް ނިމެންދެން އެ އިމާރާތް އެއްވެސް ކަމަކަށް ބޭނުން ނުކުރުމަށާއި އިމާރާތުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ އިތުރުން އިތުރު ދަރިވަރުން އެންރޯލް ނުކުރުމަށް އެންގުމަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުމުގައި ބުނެފައިވަނީ އިމާރާތް ބޭނުންކުރުން ހުއްޓުވަން އަމުރު ނެރެފިނަމަ އެތަނުގައި މިހާރު ހިންގަމުންދާ އިއްޒުއްދީން ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށެވެ. އެ އަމުރު ނެރެ ނުދީގެން މަންދު ކޮލެޖަށް މިހާރު ލިބޭނެ ގެއްލުމެއް އޮންނާނެ ކަމަށް ނުބެލެވޭ ކަމަށްވެސް ބުރާސްފަތި ދުވަހު ނެރުނު އަމުރުގައި ބުނެފައިވެ އެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވީ ކޯޓުގެ އިސް ފަނޑިޔާރު އަދި ިމިމައްސަލައިގައި ރިޔާސަތު ބެލެހެއްޓެވި ހާތިފް ހިލްމީ އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.

އެމްއީއެސް ކުރިން ހިންގި އިމާރާތުގައި 2019 ވަނަ އަހަރުން ފެށިގެން ހިންގަނީ މުޅިން އާ ސްކޫލެކެވެ.

އެމްއީއެސް އިމާރާތުގައި މަންދު ކޮލެޖު ހިންގަމުން ދަނިކޮށް އެ އިމާރާތުން މަންދު ކޮލެޖު ނެރުނީ ގޯސްކޮށް ކަމަށް ކަނޑައެޅުމުން ސަރުކާރުން ވަނީ މަންދު ކޮލެޖު ހިންގާ ކުންފުންޏަށް 15 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި ދީފަ އެވެ.