ޑރ. އައިޝަތު އަލީ

މިނިސްޓަރަށް ޗިޓް ރައްދު ނުވާތީ އަޑުއެހުން ކެންސަލް

May 16, 2022
1

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ދެކޮޅަށް މަންދު ކޮލެޖުގެ ޗެއާމަން އިބްރާހީމް އިސްމާއީލް (އިބްރާ) ދައުވާކޮށްފައިވާ މައްސަލައިގެ އަޑުއެހުމަށް ހާޒިރުވުމަށް މިނިސްޓަރަށް ޗިޓް ރައްދުކުރެވިފައި ނުވާތީ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

ސިވިލް ކޯޓުގައި މިއަދުގެ އަޑުއެހުން ކުރިއަށް ގެންދަން ތާވަލްކުރީ ހެނދުނު 10:00 ޖަހާއިރު އެވެ.

އަޑުއެހުން ކެންސަލް ކުރީ މިނިސްޓަރަށް ޗިޓް ރައްދު ކުރެވިފައި ނުވާތީ ކަމަށް ކޯޓުން ބުނެފައިވެ އެވެ. އެކަމަކު މިމައްސަލައިގެ އަޑުއެހުމެއް ދެން ބާއްވާނެ ދުވަހެއް ކޯޓުން ނުބުނެ އެވެ.

މިނިސްޓަރުގެ މައްޗަށް ދައުވާކުރީ މަންދު ކޮލެޖަށް ގެއްލުމުގެ ބަދަލުގައި ސަރުކާރުން 15 މިލިއަން ރުފިޔާ ދިންއިރު ކޯޓުގެ ހުކުމްގައި އެ ފައިސާ ދޭން ބުނެފައިވާ މުއްދަތަށް ވުރެ ފަހުން ދިނުމުންނެވެ. އެހެންވެ މިނިސްޓަރު އައިޝަތު އަލީ ގާނޫނުއަސާސީއާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ދައުވާގައި އެދިފައިވެ އެވެ.

މަންދު ކޮލެޖުން ބަދަލު ހޯދަން ދައުވާ ކުރީ ކުރިން، މާލެ އިންގްލިޝަން ސްކޫލު (އެމްއީއެސް) ހިންގި އިމާރާތުގައި އެ ކޮލެޖު ހިންގަމުން ދަނިކޮށް އެތަނުން އެ ކޮލެޖު ބޭރު ކޮށްލި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ނަގަން ދައުވާ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމާ ގުޅިގެންނެވެ.

މަންދު ކޮލެޖުން އެދުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. ނަމަވެސް ދައުލަތުން ހުށަހެޅީ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށާއި އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ވަނީ ޑިސްޕިއުޓް މަރުހަލާގައި ދައުލަތުގެ ހުށަހެޅުން ބަލައިގެންފަ އެވެ.

ބަދަލުގެ ގޮތުގައި ދައުލަތުން ދޭން ޖެހޭ 15 މިލިއަން ރުފިޔާ މަންދު ކޮލެޖަށް ދިނުމަށް ކޯޓުން އެންގީ މިދިޔަ އަހަރުގެ މެއި 18 ވަނަ ދުވަހުގެ ކުރިންނެވެ. ނަމަވެސް ސަރުކާރުން ބަދަލު ދިނީ އެ ތާރީހުގެ ފަހުންނެވެ.