އިބްރާހިމް އިސްމާއީލް (އިބްރާ)

އޮޑިޓް ރިޕޯޓަށް އެއްވެސް މައުލޫމާތެއް ނުހޯދާ: އިބްރާ

މާލޭ އިންގްލިސް ޝްކޫލް (އެމްއީއެސް) ހިންގި އިމާރާތް މަންދު ކޮލެޖަށް ދިނުމަށް ފަހު އެ ތަނުން އެ ކޮލެޖް ނެރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމަށްޓަކައި އޮޑިޓަރު ޖެނެރަލްގެ އޮފީހުން ރިޕޯޓެއް ހެދިކަން އެނގިވަޑައިގެންފައިނުވާ ކަމަށާ އަދި އެއްވެސް މައުލޫމާތެއް މަންދު ކޮލެޖުން ހޯދާފައިނުވާ ކަމަށް އެ ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެ އެވެ.

އެމްއީއެސް ހިންގި އިމާރާތުގައި އެ ކޮލެޖު ހިންގަމުން ދަނިކޮށް އެތަނުން އެ ކޮލެޖު ބޭރުކޮށްލި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ނަގަން ވަނީ ދައުވާ ކޮށްފައެވެ. މަންދު ކޮލެޖުން އެދުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. ނަމަވެސް ދައުލަތުން ހުށަހެޅީ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށާއި އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ވަނީ ދައުލަތުގެ ހުށަހެޅުން ބަލައިގަނެ މައްސަލަ ނިންމަން އެއްބަސްވެފަ އެވެ.

ނަމަވެސް އިއްޔެގެ ވަގުތެއްގައި ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމަށްޓަކައި އޮޑިޓަރު ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ރިޕޯޓެއް ވަނީ އާންމުވެފައެވެ. އެ ރިޕޯޓަކީ އެޑިއުކޭޝަން މިނިސްޓްރީން އެދިގެން އޮޑިޓަރު ޖެނެރަލް ތައްޔާރު ކުރެއްވި ރިޕޯޓެކެވެ. އެ ރިޕޯޓްގެ މަސައްކަތް ނިންމާ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ވަނީ އެ މިނިސްޓްރީ އާއި ދައުލަތުގެ ކަމާގުޅޭ އިދާރާތަކާއި ހިއްސާކޮށްފައެވެ. ނަމަވެސް ކުއްލި ގޮތަކަށް އިއްޔެ އެ ރިޕޯޓް ވަނީ "ލީކު"ވެފައެވެ.

ރިޕޯޓްގައި ބުނެފައިވަނީ މަންދު ކޮލެޖަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން ޖެހޭނީ 1.2 މިލިއަން އާއި 1.5 މިލިއަންއާ ދެމެދުގެ އަދަދެއް ކަމަށެވެ. އެއީ އެ އިމާރާތުގައި ހުރި ހަރުމުދަލާއި އިންވެޓްރީގެ އަގުގެ އިތުރުން އެމްއީއެސް ހިންގި އިމާރާތަށް މަންދުން ކުރި ހަރަދުތަކަށް ބެލުމަށް ފަހު ކަނޑައަޅާފައިވާ އަދަދެކެވެ. އަދި މީގެ ކުރީން މަންދަށް ދައުލަތުން ފައިސާ ދީފައިވާކަންވެސް މި ރިޕޯޓްގައި ހާމަކޮށްފައިވެއެވެ. އޮޑިޓްގައި ބުނެފައިވަނީ ކުރީން 4.6 މިލިއަން މަންދަށް ދީފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން އަމާޒުވެފައިވާ ފާޑުކިޔުންތަކާއި ގުޅިގެން އިބްރާހިމް އިސްމާއީލް ވިދާޅުވީ އޮޑިޓަރު ޖެނެރަލް އެ ރިޕޯޓް ހެއްދެވީ ކޮން ގޮތަކަށްކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ. އެ ރިޕޯޓް ހެއްދެވިއިރު މަންދުގެ އެއްވެސް މައުލޫމާތެއް ހޯދާފައިނުވާ ކަމަށް ވިދާޅުވިއެވެ.

"އޮޑިޓަރު ޖެނެރަލް ރިޕޯޓް ހެދި ގޮތެއް ނޭންގެ. ނުވެސް ދެކެން. އެއްޗެއް އަހާވެސް ނުލާ،" އިބްރާ ވިދާޅުވިއެވެ.

އެމްއީއެސް ހިންގި އިމާރާތް ނުވަތަ މިހާރުގެ އިއްޒުންދީން ސްކޫލުގައި މަންދު ކޮލެޖު ހިންގަން އެ އިމާރާތް ހަވާލުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. މާލެ ހައި ޕްރައިވެޓް ލިމިޓެޑާ އެކު ސޮއި ކުރި އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލްކުރީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.

މިކަމާ ގުޅިގެން ކޮލެޖު ހިންގަން ކުއްލި ގޮތަކަށް ތަނެއް ހޯދައި ވަސީލަތްތައް ގާއިމުކުރަން ޖެހުމުގެ ސަބަބުން މަންދު ކޮލެޖުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ކޯޓުން ނިންމީ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށެވެ. މަންދު ކޮލެޖުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ. ދައުލަތުގެ ފަރާތުން ހައިކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމަށް ތާއީދުކޮށް އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ނޫން ކަމަށް ހުކުމް ކޮށްފަ އެވެ. އަދި ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމަށްވެސް ހުކުމްގައި ކަނޑައަޅާފައިވެ އެވެ.