ހައިކޯޓް

މިނިސްޓަރާ ދެކޮޅު މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ދެކޮޅަށް މަންދު ކޮލެޖުގެ ޗެއާމަން އިބްރާހީމް އިސްމާއީލް (އިބްރާ) ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން އިއްޔެ ނިންމައިފި އެވެ.

މަންދު ކޮލެޖު ހިންގަމުންދާ ކުންފުނި -- މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން މިނިސްޓަރުގެ މައްޗަށް ދައުވާކުރީ މަންދު ކޮލެޖަށް ގެއްލުމުގެ ބަދަލުގައި ސަރުކާރުން 15 މިލިއަން ރުފިޔާ ދިންއިރު ސިވިލް ކޯޓުގެ ހުކުމްގައި އެ ފައިސާ ދޭން ބުނެފައިވާ މުއްދަތަށް ވުރެ ފަހުން ދިނުމުންނެވެ. އެހެންވެ މިނިސްޓަރު އައިޝަތު އަލީ ގާނޫނުއަސާސީއާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ދައުވާގައި އެދިފައިވެ އެވެ.

މިނިސްޓަރާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރުމުން އެ ކޯޓުން ނިންމީ މިނިސްޓަރުގެ އިހުމާލެއް ނެތް ކަމަށެވެ.

އެ ނިންމުން މާލެ ހައި ކުންފުނިން ހައިކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ. ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވީ ދަށު ކޯޓުގެ ނިންމުމަށް ވާސިލުވުމުގައި ކުށެއް ހެދިފައިވާ ކަމަށް ނުވަތަ ގާނޫނާ ހިލާފުވެފައިވާ ކަމަށް ބަޔާންކޮށްދީފައި ނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ރަޖިސްޓްރާ ނިންމެވި އެވެ.

ކުރިން މާލެ އިންގްލިޝަން ސްކޫލު (އެމްއީއެސް) ހިންގި އިމާރާތުގައި މަންދު ކޮލެޖު ހިންގަމުން ދަނިކޮށް އެތަނުން އެ ކޮލެޖު ބޭރުކޮށްލި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ނަގަން ދައުވާ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މަންދު ކޮލެޖުން އެދުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. ނަމަވެސް ދައުލަތުން ހުށަހެޅީ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށާއި އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ވަނީ ޑިސްޕިއުޓް މަރުހަލާގައި ދައުލަތުގެ ހުށަހެޅުން ބަލައިގެންފަ އެވެ.

ބަދަލުގެ ގޮތުގައި ދައުލަތުން ދޭން ޖެހޭ 15 މިލިއަން ރުފިޔާ މަންދު ކޮލެޖަށް ދިނުމަށް ކޯޓުން އެންގީ މިދިޔަ އަހަރުގެ މެއި 18 ވަނަ ދުވަހުގެ ކުރިންނެވެ. ނަމަވެސް ސަރުކާރުން ބަދަލު ދިނީ އެ ތާރީހުގެ ފަހުންނެވެ.