މަގާމުގެ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގައި ވިޔަސް ހައްގު ހޯދާނެ ކަމަށް މާލޭގެ ކުރީގެ މަޖިލިސް މެންބަރު އަދި މަންދު ކޮލެޖުގެ ޗެއާމަން އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެ އެވެ.
އިބްރާ މިހެން ވިދާޅުވެފައިވަނީ މަންދު ކޮލެޖަށް ދައުލަތުން ބަދަލު ދިނުމާ ގުޅޭ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ޖުޑިޝަރީ ކޮމިޓީން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވަނީ ސަރުކާރުން ބަދަލު ނަގައިދޭ ސިޔާސަތު ސާފުކޮށްދިނުމަށް ރޭ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާއި ގުޅިގެންނެވެ.
އެ ބައްދަލުވުމުގައި އިންތި ވަނީ މަންދު ކޮލެޖަށް ނުސީދާ ކޮށް ފާޑު ވިދާޅުވެ ބައެއް ވާހަކަތައް ދައްކަވާފަ އެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސެލް އަދި އިބްރާގެ ޅިޔަޅެއް ކަމުގައިވާ އަހްމަދު އަބްދުﷲ އަފީފަށް މުސްތަގިއްލު ކަމާ އެކު މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވިދާނެ ކަމާ ދޭތެރޭ ވެސް އިންތި ވަނީ ސުވާލު އުފައްދާފަ އެވެ.
މިކަމާ ގުޅިގެން އިބްރާ މިއަދު ވިދާޅުވީ އިމްތިޔާޒު ދެއްކެވި ވާހަކަތަކަކީ ސާބިތު ނުވާ ގާނޫނާ ހިލާފު ވާހަކަތަކެއް ކަމަށެވެ. ހައްގު ހޯދުމަކީ އޭނާ އަށް ވަރަށް ފަރިތަ ކަމެއް ކަމަށާއި އެކަން ކުރުމަށް ބިރު ނުގަންނަ ކަމަށްވެސް ވިދާޅުވި އެވެ.
އިބްރާ ވިދާޅުވީ މަޖިލިސް މެމްބަރުންނަކީ މަޖިލީހާއި ކޮމިޓީތަކުގައި ތިއްބަވާ ބޭފުޅުން ކަމަށާއި އެކަން ކަށަވަރު ކުރުމަށް ގާނޫނުއަސާސީ ވިދާޅުވުމަށްވެސް އިބްރާ ވަނީ އިމްތިޔާޒަށް އިލްތިމާސް ކުރައްވާފަ އެވެ.
މަންދަށް 15 މިލިއަން ރުފިޔާ ދޭން ދައުލަތުން އެއްބަސްވުމާއި ގުޅިގެން ސަރުކާރަށް އެތައް ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އެ ފާޑުކިޔުންތައް އެހެން އޮއްވައި މިއަދު އެޓާނީ ޖެނެރަލް އޮފީހުން ބުނެފައި ވަނީ މަންދަށް ސަރުކާރުން ބަދަލުގެ ގޮތުގައި ދޭން ނިންމާފައިވަނީ ރަނގަޅު އަދަދެއް ކަމަށެވެ. އެފައިސާ އަކީ މަންދަށް ދޭން ޖެހޭ ފައިސާ ކަމަށްވެސް އޭޖީ އޮފީހުން ވަނީ ބުނެފަ އެވެ.