ރައްޔިތުންގެ މަޖިލިސް

"ހިސާން ބިލް" ބޭރުކޮށްލުމަށް ޖުޑިޝަރީ ކޮމިޓީން ފާހެއް ނުވި

އާންމު ތަނެއްގައި މުސްލިމަކާ ދިމާއަށް ކާފަރެކޭ ގޮވުން ޖިނާއީ ކުށަކަށް ހަދަން ސަރުކާރުން ފޮނުވުމުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ސްޕޮންސާ ކުރި ބިލް - ހިސާން ބިލް - ބޭރު ކޮށްލަން ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ހުށަހެޅުއްވި ހުށަހެޅުން ފާސް ނުކުރަން ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.

އެ ކޮމެޓީގެ ރޭގެ ބައްދަލުވުމަށް ދެ ހުށަހެޅުމެއް ދިޔަ އެވެ. އެއީ ކޮމެޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުވި ބިލްގެ ސުންގަނޑި އަކަށް އަންނަ މަހުގެ އެއްވަނަ ދުވަސް ކަނޑައަޅަން ހުށަހެޅި ހުށަހެޅުމާއި، ރިޒާ ހުށަހެޅުއްވި ބިލްގެ މަސައްކަތް ކުރިއަށް ނުގެންގޮސް ބޭރު ކޮށްލުމުގެ ހުށަހެޅުމެވެ.

ރިޒާގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ، އެޗްއާރުސީއެމުން ދިން ލަފާގައި އެ ބިލުގެ 126 ވަނަ މާއްދާގައި ހުރި ހުރިހާ އަކުރެއް އުނިކުރަންޖެހޭ ކަން ފާހަގަ ކޮށްފައިވާ ކަމަށެވެ. އެހެންކަމުން މުޅި ބިލު ބިނާ ކޮށްފައިވާ މައިގަނޑު އަސާސް ގޯސް ކަމަށް ފާހަގަކުރެވޭ ކަމަށާއި އެ ބިލު އަނބުރާ ފޮނުވާލަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރިޒާގެ ހުށަހެޅުއްވުމަށް ރައްދު ދެއްވައި ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ވިދާޅުވީ ބިލާ ގުޅޭ ގޮތުން އެކި މުއައްސަސާ ތަކުން ހިޔާލު ހޯދިއިރު ވެސް ބިލު ބޭރު ކޮށްލަން އެއްވެސް މުއައްސަސާއަކުން ލަފައެއް ދީފައި ނެތް ކަމަށެވެ.

"ތިން މުއައްސަސާއެއްގެ އިތުރުން އާއްމު އެކި ފަރާތްތަކުގެ ކޮމެންޓު އެ ބިލަށް ލިބިފައިވޭ. އެގޮތުން އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުގެ ހިޔާލު ހޯދަން ކޮމިޓީން އެދުމުން، އެ ތިން މުއައްސަސާއިން ވެސް ވަރަށް ތަފްސީލީ ހިޔާލުތަކެއް ދީފައިވޭ" އިމްތިޔާޒް ވިދާޅުވި އެވެ.

ކޮމިޓީގެ ނައިބު މުގައްރިރު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވީ އެ ބިލުގައި ހިމެނޭ ބައެއް މާއްދާތަކުގެ ބަސްމަގު ބަދަލު ކުރަން ޖެހޭ ކަމަށް އޭނާވެސް ގަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު ލިބިފައިވާ ހިޔާލުތައް ދިރާސާ ކުރަން ކޮމިޓީން އެއްވެސް މަސައްކަތެއް ނުކޮށް އެ ބިލު ބޭރު ކޮށްލުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.

ކޮމެޓީގެ ރިޔާސަތުން ދެ ހުށަހެޅުމަށް ވެސް ވަކިވަކިން ވޯޓަށް އެހި އެވެ. އެގޮތުން އިންތި ހުށަހެޅުއްވި ގޮތަށް ބިލްގެ ސުންގަނޑި އަކަށް އަންނަ މަހުގެ އެއްވަނަ ދުވަސް ހަދަން ހަތް މެމްބަރުން ވޯޓު ދެއްވާފައިވާއިރު ރިޒާގެ ހުށަހެޅުއްވުމަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.

"ހިސާން ބިލު" ގެ ގޮތުގައި މަޝްހޫރުވެފައިވާ ބިލް މަޖިލީހުން ބޭރުކޮށްލަން ކޮމިޓީ އަށް ނުފެނުނު ނަމަވެސް އެ ބިލާ ދެކޮޅަށް އެތައް ބަޔަކު ގެންދަނީ އަޑުއުފުލަމުންނެވެ. މީގެތެރޭގައި 100 އަށް ވުރެ ގިނަ އިލްމުވެރިންނާއި 100 އަށް ވުރެ ގިނަ ލޯކަލް ކައުންސިލްތަކާއި ބައެއް މަދަނީ ޖަމިއްޔާތައް ވެސް ހިމެނެ އެވެ.