ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސެލް އަހްމަދު އަބްދުﷲ އަފީފަށް މުސްތަގިއްލު ކަމާ އެކު މަގާމު އަދާކުރެއްވިދާނެ ކަމާ ދޭތެރޭ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ސުވާލު އުފައްދަވައިފަ އެވެ.
ރައީސް އޮފީހުގައި ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސެލް އަހްމަދު އަބްދުﷲ އަފީފު ވަނީ ދައުލަތުން ބަދަލު ދިނުމާއި ގުޅޭގޮތުން އާންމުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވާފަ އެވެ. އަދި ބަދަލު ދިނުމާ ގުޅޭ މައްސަލަތަކުގައި ހަދަން ޖެހޭ މަދަނީ އިޖުރާތުގެ ގާނޫނު ހެދުމުގައި މަޖިލީހުގެ ދުވެލި ލަސްކަން ފާހަގަކުރެއްވި އެވެ.
އަހްމަދުގެ ވާހަކަތަކަށް ރައްދިދިނުމުގެ ގޮތުން ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްތިޔާޒް ވަނީ މަޖިލީހާ ގުޅުވައިގެން އަހްމަދު ދެއްކެވި ވާހަކަތައް ދޮގުކުރައްވާފަ އެވެ. އަދި ވިދާޅުވީ އެ ވާހަކަތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އޭގެފަހުގައި އިމްތިޔާޒްގެ ވާހަކަ އަމާޒުކުރެއްވީ މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ސަރުކާރުން އެއްބަސްވި މައްސަލަ އަށެވެ.
ރައީސްގެ ލީގަލް ކައުންސެލް މަޖިލީހުގެ ވާހަކަ ދައްކަވާ އިލްޒާމު ތަކެއް އެޅުއްވީ މަންދޫ ކޮލެޖާއި އެބޭފުޅާއާ ގުޅިފައިވާތީ އެކަމުން ސަލާމަތްވުމަށް ކަމަށް ދޭހަވާ ގޮތަށްވެސް އިމްތިޔާޒު ވަނީ ވާހަކަދައްކަވާފަ އެވެ. އެހެންކަމުން އަހްމަދަށް މުސްތަގިއްލު ކަމާ އެކު މަސައްކަތް ކުރެއްވިދާނެ ކަމަށް ސުވާލު އުފައްދަވަމުން އިމްތިޔާޒު ވަނީ އެބޭފުޅާ އެހެން ބައެއްގެ ބޮލުގައި އިލްތިޒާމުތަކެއް އެޅުވި ސަބަބު މިހާރު ސާފުވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
"ދެން އަޅުގަނޑުމެން ބަލާލީ މީ ކިހިނެއްވާ ކަމެއްތޯ. ބަލާލި ބެލުމުން ފާހަގަކުރެވުނީ މަންދު ކޮލެޖް ތަމްސީލް ކުރައްވާ ލީގަލް ފާމްގެ ބޭފުޅެއް ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސިލް އަކީ. ދެން ހަމަ ބެލިބެލުމުން ފާހަގަކުރެވުނީ ރައީސް އޮފީހުގެ ސެޓެލްމަންޓް ކޮމެޓީގެ މެމްބަރެއް މި ވާހަކަފުޅު ދެއްކެވި ބޭފުޅަކީ. ހަމަ އެއާއެކު މި ފެންނަނީ މަންދު ކޮލެޖުގެ ޗެއާމަންގެ ޅިޔަނަކަށްވެސް އެބަވޭ އެ ބޭފުޅާ،" އިމްތިޔާޒް ވިދާޅުވި އެވެ.
މަންދު ކޮލެޖުގެ މައްސަލާގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް އެ ކޮލެޖަށް ބަދަލުގެ ގޮތުގައި ދިނުމަށް ނިންމާފައިވާ އަދަދަކީ ރަނގަޅު އަދަދެއް ކަމަށް ބުނެ އޭޖީ އޮފީހުން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. އަދި ސަރުކާރުން ބަދަލުގެ ގޮތުގައި ދިނުމަށް ނިންމާފައިވާ އަދަދަށް ވުރެ މާބޮޑު އަދަދެއް ބަދަލުގެ ގޮތުގައި ލިބެންޖެހޭ ކަމަށްވެސް މަންދުގެ ކޮލެޖުގެ ޗެއާމަން އަދި މާލޭގެ ކުރީގެ މެންބަރު އިބްރާހީމް އިސްމާއީލް ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.