ރައްޔިތުންގެ މަޖިލިސް

ސަރުކާރުގެ ވާހަކަތަކަށް މަޖިލީހުގެ ނުރުހުން

ރޭ އޮތް ނޫސްވެރިންގެ ބައްދަލްވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސެލް އަހްމަދު އަބްދުﷲ އަފީފު ވާހަކަދައްކަވަނީ: މަޖިލީހާ ގުޅުވައި ދެއްކެވި ވާހަކަތަކަށް މެންބަރުން ފާޑުވިދާޅުވި -- އަވަސް ފޮޓޯ
0%
0%
0%

ދައުލަތުން ބަދަލު ދޭންޖެހޭ މައްސަލަތައް އިންސާފުވެރިކަމާއި، ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދަން އޮތް ހުރަހަކަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ލަސްވުން ހިމެނޭ ކަމަށް ސަރުކާރުން ބުނުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނުރުހުން ސަރުކާރަށް އަމާޒުވެއްޖެ އެވެ.

ރައީސް އޮފީހުގައި ރޭ އޮތް ނޫސްވެރިންގެ ބައްދަލްވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސެލް އަހްމަދު އަބްދުﷲ އަފީފު ވަނީ ދައުލަތުން ބަދަލު ދިނުމާއި ގުޅޭގޮތުން އާންމުންގެ މެދުގައި އޮތް ކަންބޮޑުވުންތަކާއި ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވާފަ އެވެ. އަދި ބަދަލު ދިނުމުގެ މައްސަލަތަކާއި ގުޅޭގޮތުން ނޫސްވެރިން އަމާޒުކުރި ވަރަށް ގިނަ ސުވާލުތަކަށް އޭނާ ޖަވާބު ދެއްވި އެވެ.

އެ ޖަވާބުތަކުގެ ތެރެއިން އަހްމަދު އަފީފް ވަނީ ބަދަލު ދިނުމުގެ މައްސަލަތައް އެންމެ އިންސާފުވެރި ގޮތަކަށް ކުރެވޭނީ ކަމާ ގުޅޭ ގާނޫނުތައް މަޖިލީހުން ފާސްކޮށްދީގެން ކަމަށް ވިދާޅުވެފަ އެވެ. މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ސަރުކާރުން މަޖިލީހަށް ފޮނުވި މަދަނީ އިޖުރާއަތުގެ ބިލު އަހަރު ދުވަސްވީއިރު އޮތީ ނުނިމި ކަމުން އެއީ އިންސާފު ލިބިދިނުމަށް އޮތް ހުރަހެއް ކަަމަށް އޭނާ ވިދާޅުވި އެވެ.

"ބިލު އަދިވެސް އޮތީ މަޖިލީހުގެ ކޮމިޓީއެއްގައި. އަޅުގަނޑު ހަނދާންވާ ގޮތުން އޮތީ ޖުޑީޝަރީ ކޮމިޓީގައި. އެހެންވީމަ މިހާ ގިނަ ދުވަސް ވެގެންދާއިރު މި ބިލު ގާނޫނަކަށް ވެފައި ނުވާތީ އެއީ އަނެއްކާވެސް މިކަހަލަ ކަންތައްތައް ކުރުމަށް އިންސާފު ލިބިދިނުމަށް ސަރުކާރަށް އޮތް ހުރަހެއްކަން އަޅުގަނޑު ފާހަގަކުރަން،" އަހުމަދު ވިދާޅުވި އެވެ.

މަޖިލީހާ ގުޅުވައިގެން އަހްމަދު ދެއްކެވި ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ރައީސް އޮފީހުގެ ޕްރެސްގައި ދެއްކި ވާހަަކަތަކާއި ގުޅިގެން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ޕްރެސްއެއް މިއަދު ހެނދުނު 11:00 ޖަހާއިރު އޮންނާނެ ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުން ދެކޭ ގޮތްތައް ހާމަކުރައްވާނެ ކަމުގަ އެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވެސް ވަނީ ސަރުކާރުގެ ވާހަކަތައް ދޮގުކުރައްވާފަ އެވެ. އުޝާމް ވިދާޅުވީ އަހްމަދު ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. ސަރުކާރުން ހުށައަޅާފައި އޮތް މަދަނީ އިޖުރާއަތުގެ ބިލް ކުޑަކޮށް ނަމަވެސް ވިދާޅުވެފައިވާ ނަމަ މަޖިލީހާ ގުޅޭ ގޮތުން ރޭގައި ދެއްކެވި ފަދަ ވާހަކަތަކެއް އަހުމަދު ނުދައްކަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ބިލު ލަސްވަމުންދާ ސަބަބު ރައީސްގެ ލީގަލް ކޮންސުލްއަށް ނޭނގުމަކީ ލަދުވެތި ކަމެއް،" އުޝާމް ވިދާޅުވި އެވެ.

އަހްމަދުގެ ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ޕީޖީ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕްގައި ވެސް ރޭ ބައެއް މެންބަރުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ގިނަ މެންބަރުން އޭނާގެ ތުހުމަތުތަކާއި ވާހަކަތައް ދޮގުކޮށް ފާޑުވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345