ސްރީލަންކާ

ތެޔޮ ހުސްވެ ލަންކާގައި އެމްބިއުލާންސްގެ ހިދުމަތް ހުއްޓުމަކަށް

އިގްތިސާދީ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތް ސްރީލަންކާއަށް ތެޔޮ ލިބުން ދަތިވެ އެ ގައުމުގެ ގިނަ ސަރަހައްދުތަކުން އެމްބިއުލާންސްގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

ލަންކާގެ އެމްބިއުލާންސް ހިދުމަތް -- ސުވާ ސެރިޔާ އެމްބިއުލާންސް 1990. -- އިން ދެންމެ ބުނީ ތެލަށް ޖެހި އެމްބިއުލާންސްގެ ހިދުމަތް ހުއްޓާލަން ޖެހިފައިވާ ކަމަށެވެ. މިވަގުތުވެސް 83 ސަރަހައްދަކަށް އެމްބިއުލާންސްގެ ހިދުމަތް ނުލިބޭނެ ކަމަށް ވަނީ ބުނެފައެވެ.

އަދި ބުނީ މިހާރު އިއުލާނުގައިވާ 83 ސަރަހައްދުން އެމްބިއުލާންސްގެ ހިދުމަތް ހޯދަން ނުގުޅުމަށް އެދޭ ކަމަށެވެ. ތެޔޮ ލިބި އަލުން ހިދުމަތް ފެށޭނެ އިރެއް ބުނަން ނޭންގޭ ކަމަށްވެސް ބުނެފައިވެއެވެ.

ހަކަތަ މިނިސްޓަރު ކަންޗަނާ ވިޖޭސޭކަރަ ވިދާޅުވި ގޮތުގައި ތެޔޮ ހުސްވާން މިފަހަރު ދިމާވީ އުންމީދު ކުރެއްވި ގޮތަށް ތެޔޮ ޝިޕްމަންޓްތައް ނުގެނެވުމުންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ތެޔޮ ޝިޕްމަންޓައް ލަސްވަނީ ފައިސާ ހަމަނުޖެހިގެންނެވެ. ބޭންކުތަކުން ކުރިން ވައުދުވި ގޮތަށް މުއާމަލާތައް ކުރެވިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ. ތެލަށް ބޭނުންޖެހިފައި ތިބި ހުރިހާ މީހުންގެ ކިބައިން މާފަށް އެދިވަޑައި ގަންނަވާ ކަމަށް ވިދާޅުވެ ވިޖޭސޭކަރަ ވިދާޅުވި ގޮތުގައި ޝިޕްމަންޓްތައް ހަމަޖެހޭތޯ ސަރުކާރުން މަސައްކަތް ކުރާނެ އެވެ.

އިގުތިސާދީ ގޮތުން ލަންކާ ހާލުގައި ޖެހި ގައުމު ބަލަހައްޓާނެ ވަރު ވެސް އުޅެނީ ނެތިގެންނެވެ. އާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ ވަސީލަތްތައް ގަންނަން ބޭނުންވާ ބޭރު ފައިސާ ނެތުމުގެ ސަބަބުން ކެއިން ބުއިމަށް ބޭނުންވާ އަސާސީ ބާވައްތައް ވެސް ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.

އަނެއްކޮޅުން ލަންކާގައި އުފެއްދުން ތެރިކަން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ކާރުޚާނާތައް ހިންގަން ބޭނުންވާ ތެލާއި ކަރަންޓް ދޭން ބޭނުންވާ ތެޔޮ ލިބުން ދަތިވެ ލަންކާ ރައްޔިތުން އާންމު ގޮތެއްގައި 24 ގަޑިއިރު ހޭދަކުރަނީ ވަގުތު ބަހައިގެން ކަރަންޓް ކަނޑާ އުސޫލުންނެވެ.