ނައިބް ރައީސް ފައިސަލް ނަސީމު ބ. އޭދަފުށްޓަށް ވަޑައިގެން ބ. އަތޮޅު ހޮސްޕިޓަލާއި އަމާން ވެށީގެ ހާލަތު ބައްލަވާލައްވައިފި އެވެ.
ނައިބް ރައީސް އިއްޔެ އޭދަފުށްޓަށް ވަޑައިގަތީ ބ. ދަރަވަންދޫގައި ކުރިއަށްދިޔަ އަޟްހާ އީދުގެ ހަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު އިއްޔެ މެންދުރުފަހުގެ ވަގުތެއްގަ އެވެ.
ފައިސަލް އޭދަފުށްޓަށް ވަޑައިގެން އެންމެ ފުރަތަމަ ވަޑައިގަތީ ޖެންޑާ މިނިސްޓްރީގެ ފެމެލީ އެންޑް ޗިލްރަންސް ސާވިސް ސެންޓަރުގެ ދަށުން ހިންގަމުން ގެންދާ އަމާން ވެއްޓަށެވެ.
މިޒިޔާރަތުގައި ނައިބް ރައީސް ވަނީ އަމާން ވެށީގައި ތިބޭ ކުދިންގެ ހާލު ބައްލަވާ އެކުދިންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރައްވާފަ އެވެ. އަދި އެތަނުގައި އުނދޯލި ގެއެއް ހުޅުވައިދެއްވުމަށްފަހު ރުކެއް ވެސް އިންދަވައިދެއްވި އެވެ.
ބ. އަތޮޅު ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި ނައިބް ރައީސް ވަނީ އެތަނުގައި އަލަށް ހަދާފައިވާ ޑައިލެސިސް ޔުނިޓް ބައްލަވާލެއްވުމަށްފަހު އެތަނުގައި ހިދުމަތް ދިނުމަށް ހުރި ދަތިތައް އޮޅުންފިލުއްވާފަ އެވެ.
ނައިބް ރައީސް އޭދަފުށްޓަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އޭދަފުށި ކައުންސިލާ ވެސް ބައްދަލުކުރައްވާފަ އެވެ.