ސްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ އާންމު ހާލަތު ރަނގަޅު ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ސްރީލަންކާއަށް އިގްތިސޯދީ ބޮޑެތި މައްސަލަތަކެއް ދިމާވެ އެ ގައުމު ބަނގުރޫޓް ވެފައިވާއިރު ލަންކާ ރައްޔިތުން މަގުތަކަށް ނިކުމެ ރައީސް އާއި ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ވަނީ ރައްޔިތުންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ. އަދި ރައްޔިތުން ކުރަމުންދާ މުޒާހަރާތައް ވަރަށް ބޮޑަށް ހޫނުވުމާ ގުޅިގެން ލަންކާގެ ރައީސް އާއި ބޮޑުވަޒީރު މިހާރު ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް އެއްބަސްވެވަޑައިގެންފަ އެވެ.
ލަންކާ އަކީ ދިވެހިން، ރާއްޖޭން ބޭރުގައި އެންމެ ގިނަ އަދަދަކަށް އުޅޭ އެއް ގައުމެވެ.
ލަންކާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލަތާ ގުޅޭގޮތުން ސުވާލުކުރުމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ އާންމު ހާލަތު ރަނގަޅު ކަމަށެވެ.
"ދެން އެންމެންނަށް ވެސް އެބަ އެނގޭ އަންޑަސްޓްވޭ ލަންކާގެ މިހާރުގެ ހާލަތު. ލަންކާގެ ފިހާރަތަކުން މިހާރުވެސް އަސާސީ މުދާ އެބަ ލިބޭ. އެކަމަކު މިހާލަތުގެ ގޮތުން ލަންކާއަށް އެތެރެކުރާ ވަކި ބްރޭންޑެއްގެ މުދާ ހޯދުމަށް ދަތިވެދާނެ. އެދަތި އެބަހުރި މިވަގުތު ލަންކާގެ ރައްޔިތުންނަށްވެސް. އެކަމަކު އާންމު ގޮތެއްގައި ދިވެހިންގެ ހާލު ރަނގަޅު،" މިއުވާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެ ގައުމުގެ ހާލަތު ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ވެސް ލަންކާގެ ހާލަތު ސާފުވާ ކަމަށާއި ހާލަތުގެ ގޮތުން ކޮންމެ ކަމެއް ކޮށްދޭން މިވަގުތު އެމްބަސީ އަށް ވެސް ދަތިތައް ހުންނާނެ ކަމަށް ދިވެހިން ގަބޫލުކުރާ ކަމަށެވެ.
މިއުވާން އިތުރަށް ވިދާޅުވީ ލަންކާގެ ހާލަތު ވަރަށް ގާތުން ދިވެހި ސަރުކާރުން ބަލަމުންދާ ކަމަށެވެ. އަދި ހާލަތު އިތުރަށް ގޯސްވެ ދިވެހިންނަށް އެހީވާންޖެހިއްޖެނަމަ ސަރުކާރުން އެކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމުގައިވެސް ވިދާޅުވި އެވެ.