ސްރީލަންކާ

ހެއްދެވުނީ ގޯހެއް، ރައީސް ހުންނެވީ ގައުމުގައި

ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އެ ގައުމު ދޫކުރައްވާ ވަޑައިގެންފައިވާ ކަމަށް ވިދާޅުވެވުނީ ގޯހަކުން ކަމަށާ އެމަނިކުފާނު ހުންނެވީ ލަންކާގައި ކަމަށް ޕާލަމެންޓްގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރޭ ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ލަންކާގައި ނެތް ކަމަށާ އެމަނިކުފާނު ހުންނެވީ ކައިރީގައި އޮތް ގައުމެއްގައި ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. އަދި ބުދަ ދުވަހުގެ ނިޔަލަށް ލަންކާއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

ޕާލަމެންޓްގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާ މިހެން ވިދާޅުވުމާއި ހަމައަށް ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވީތަނަކާމެދު އޮތީ ސުވާލު އުފެދިފައެވެ. ލަންކާގެ އެތައް ހާސް ރައްޔިތަކު އޭރު ވަނީ ރިޔާސީގަނޑުވަރާއި ރައީސް އޮފީހަށް ވަދެގެންފައެވެ. އޭގެ ކުރީން އެމަނިކުފާނު ވަނީ ގެކޮޅު ދޫކުރައްވާ ވަޑަައިގެންފައެވެ. އަދި އަސްކަރީ މަނަވަރެއްގައި ރައީސް ގޮޓަބަޔަ ލަންކާ ދޫކުރައްވާ ވަޑައިގެންފައިވާ ކަމަށް އަޑުތައް އޮތީ ފެތުރިފައެވެ.

އަނެއްކޮޅުން ރައީސް އޮފީހުން މިއަދު ވަނީ ރައީސްގެ ފަރާތްޕުޅުން މައުލޫމާތު ހާމަކުރައްވާނީ ޕާލަމެންޓްގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާ ކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް ޕާލަމެންޓްގެ ރައީސްގެ ބީބީސީ އިންޓަވިއުގެ މައްސަލަ ހޫނުވެ އެންމެ ފަހުން އެމަނިކުފާނު ވަނީ މާފަށް އެދިވަޑައިގެންފައެވެ. ވިދާޅުވީ ރައީސް ހުންނެވީ ލަންކާގައި ކަމަށާ ގައުމު ދޫކުރައްވާ ވަޑައިނުގަންނަވާ ކަމަށެވެ.

"ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އަދިވެސް ހުންނެވީ ގައުމުގައި އަޅުގަނޑަށް ގޯހެއް ހެދުނީ [ބީބީސީ] އިންޓަވިއުގައި،" ޕާލަމެންޓްގެ ރައީސް ވިދާޅުވިއެވެ.