ދުނިޔޭގެ އެންމެ މަޝްހޫރު މެގަޒިން ކަމަށްވާ ޓްރެވަލް ޕްލަސް ލެޝާ އިން ހޮވާ ދުނިޔޭގެ ތިންވަނަ އަށް އެންމެ ފުރިހަމަ ހޮޓަލުގެ މަގާމު ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓަށް ލިބިއްޖެ އެވެ.
ބިލިއަނުންނާއި މަހުޖަނުންގެ މެދުގައި މަގުބޫލު ޓްރެވަލް ޕްލަސް ލެޝާ އިން ހޮވި "ވޯލްޑް ބެސްޓް އެވޯޑް" ގައި ދުނިޔޭގެ ތިންވަނަ ލިބުނީ މެދުއިމަތީގެ ބިލިއަނަރަކާއި ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ގުޅިގެން ތަރައްގީކޮށްފައިވާ އިތާފުށި މޯލްޑިވްސް އަށެވެ.
ހިލްޓަންގެ ލަގްޒަރީ ބްރޭންޑް ވޮލްޑޯފް އިން ހިންގާ މި ރަށަށް ދުނިޔޭގެ އެއްވަނަ ލިބުމުގެ އިތުރުން އޭޝިއާގެ އެއްވަނަ ވެސް ލިބިފައިވެ އެވެ. މީގެ އިތުރުން ރާއްޖޭގެ އެއްވަނަ ސްޕާގެ މަގާމުވެސް މި ރިސޯޓުގެ ސްޕާއަށް ވަނީ ލިބިފަ އެވެ. ޓްރެވަލް ޕްލަސް ލެޝާގެ ދުނިޔޭގެ އެއްވަނަ އަދި ދެވަނަ ލިބުނީ އިޓަލީގެ ރޯސްވުޑް ކަސްޓިގްލިއަން ޑެލް ބޮސްކޯ އާއި ގްރީސްގެ ގްރޭސް ހޮޓެލް، އޮބަޖް ރިސޯޓްސް ކަލެކްޝަން އެވެ
އިތާފުށީގައި ހިންގާ ވޮލްޑޯފް އެސްޓޯރިއާގެ މި ރިސޯޓަކީ ދުނިޔޭގެ އެންމެ މަޝްހޫރު މީހުން ތިބޭ އެއް ރިސޯޓެވެ. މި ރިސޯޓުގައި މިހާތަނަށް ދުނިޔޭގެ ގައުމުތަކުގެ ވެރިންނާއި މަޝްހޫރު ސެލެބްރިޓީން އަދި އެންމެ މަޝްހޫރު ގިނަ މީހުން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.
ޓްރެވަލް ޕްލަސް ލެއިޝާއަކީ އެމެރިކާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރުކުރާ އެންމެ މަތީ މަންޒިލްތަކާއި ކުންފުނިތައް
ހޮވަން ދެ އެވޯޑެކެވެ. "ވޯލްޑްސް ބެސްޓް އެވޯޑްސް 2022" ގެ ނަމުގައި މި އެވޯޑް ދެނީ ކިޔުންތެރިންގެ ހިޔާލުގެ މައްޗަށް ބަލައިގެންނެވެ. މި އެވޯޑުގައި ސިޓީތަކާއި ޖަޒީރާތަކާއި ނޭޝަނަލް ޕާކްތަކާއި އަދި ހޮޓަލް ތަކުން ފެށިގެން ކްރޫޒް ލައިންތަކާއި އެއާލައިންތައް އަދި އެއާޕޯޓްތައް ވެސް ހޮވަ އެވެ. އަހަރު ދުވަހު މައުލޫމާތު އެއްކޮށްގެން ހޮވާ މިވަނަތައް ލިބުނު ފަރާތްތައް އަންނަ މަހު ނެރޭ ޓްރެވަލް ޕްލަސް ލެޝާ މަޖައްލާގައި ޝާއިއު ކުރާނެ އެވެ.