އެޓާނީ ޖެނެރަލް

ހަ މަސް؛ 77 މީހަކަށް ގާނޫނީ ވަކީލުންގެ އެހީ

މިދިޔަ ހަ މަސްތެރޭ 77 މީހަކަށް ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުނެފި އެވެ.

އެ އޮފީހުން މިއަދު ވަނީ ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިން މީހުންގެ ތަފާސް ހިސާބު އާންމުކޮށްފައެވެ. މިދިޔަ މުއްދަތުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދިން 77 މީހުންގެ ތެރޭގައި އުމުރުން 18 އަހަރުން މަތީގެ 37 މީހަކު ހިމެނެއެވެ. ދެން ހިމެނެނީ 40 ކުޑަކުދީންނެވެ.

ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދިން މީހުންގެ ތެރެއިން 18 އަހަރާއި 30 އަހަރާއި ދެމެދުގެ 15 މީހަކާއި 31 އަހަރާއި 50 އަހަރުގެ 18 މީހަކާއި 51 އަހަރުން މަތީގެ ހަތަރު މީހަކު ހިމެނެއެވެ.

ކުޑަކުދީންގެ ތެރެއިން އެންމެ ގިނައިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދީފައިވަނީ މަސްތުވާތަކެތީގެ ކުށްތަކާއި ގުޅިގެންނެވެ. ދެން ހިމެނެނީ މާރާމާރީގެ މައްސަލަތަކެވެ. މީގެ އިތުރުން ވައްކަމާއި މުދަލަށް ގެއްލުން ދިނުމާއި ޖިންސީ ގޯނާކުރުމާއި ޒިނޭކުރުމުގެ ކުށާއި ހުއްދަ ނޫން ޖިންސީ އަމަލެއް ހިންގުމުުގެ މައްސަލަތަކުގެ އިތުރުން ބިރު ދެއްކުމާއި މަރުގެ މައްސަލަތަކުގައިވެސް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދީފައިވެއެވެ.

ކުޑަކުދީންނަށް ތުހުމަތު ކުރެވޭ މައްސަލަތައް

  • މަސްތުވާތަކެތީގެ ކުށްތައް - 16 ކުއްޖަކަށް ގާނޫނީ އެހީ
  • މާރާމާރީގެ މައްސަލަތައް - 14 ކުއްޖަކަށް ގާނޫނީ އެހީ
  • ވައްކަމުގެ މައްސަލަތައް - 5 ކުއްޖަކަށް ގާނޫނީ އެހީ
  • ޖިންސީ ގޯނާކުރުމާއި ޒިނޭކުރުމުގެ ކުށާއި ހުއްދަ ނޫން ޖިންސީ އަމަލެއް ހިންގުމުުގެ މައްސަލަތައް - 4 ކުއްޖަކަށް ގާނޫނީ އެހީ
  • މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތައް - 3 ކުއްޖަކަށް ގާނޫނީ އެހީ
  • ބިރުދެއްކުމުގެ މައްސަލަ - 2 ކުއްޖަކަށް ގާނޫނީ އެހީ
  • މަރުގެ މައްސަލަތައް - 2 ކުއްޖަކަށް ގާނޫނީ އެހީ

ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލުން ހަމަޖެއްސި 18 އަހަރުން މަތީގެ މީހުންނަށް ތުހުމަތު ކުރެވޭ ކުށްތަކުގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތަކާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދެއްކުމާއި މާރާމާރީ ހިންގުން އަދި ގެންގުޅުމާއި ޓެރަރިޒަމްގެ ކުށްތަކާއި މީހުން މެރުމުގެ މައްސަލަތަކެވެ.

އެގޮތުން މަސްތުވާތަކެތީގެ 31 މައްސަލައަކާއި ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ 22 މައްސަލައަކާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދެއްކުމާއި މާރާމާރީ ހިންގުމުގެ ހަތަރު މައްސަލައަކާއި ޓެރަރިޒަމްގެ ހަތަރު މައްސަލައަކާއި މީހުން މެރުގެ ދެ މައްސަލައެއްގައި ވަނީ ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލުން ހަމަޖައްސައި ދީފައެވެ.