އެސްޓީއޯ

ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރަން ކޮތަޅުން އަގު ނަގަނީ

Jul 12, 2022
2

އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިޔަފާރިކުރާ މީހުންގެ އަތުން ޕްލާސްޓިކް އަދި ކަރުދާސް ކޮތަޅަށް އަގު ނަގަން ނިންމައިފި އެވެ.

ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ޕްލާސްޓިކް އަދި ކަރުދާސް ކޮތަޅަށް އަގު ނަގަން ނިންމާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ބުނީ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށްޓަކައި ވިޔަފާރިކުރަންދާއިރު ތިމާވެއްޓާ ރައްޓެހި ކޮތަޅެއް ގެންނަން އާދަ ކުރަންޖެހޭ ކަމަށެވެ.

"އަންނައިރު 'ޓޯޓް ބޭގް' ގެންނައްޗޭ،" އެސްޓީއޯ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެ އެވެ.

އެސްޓީއޯ އިން ނިންމާފައިވަނީ ޕްލާސްޓިކް ކޮތަޅެއް ވިއްކާނަމަ 2.5 ރުފިޔާ އަދި ކަރުދާސް ކޮތަޅެއް ވިއްކާނަމަ ދެ ރުފިޔާ ނެގުމަށެވެ.

ފިހާރަތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން އެ ކޮތަޅުގެ ލެވީ -- ކޮތަޅުން ނަގާ ޓެކްސްގެ ގޮތުގައި ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނެގޭ ގޮތް ހެދުމަށް ސަރުކާރުން މިހާރު ވަނީ މަޖިލީހަށް ބިލެއް ވެސް ހުށަހަޅާފަ އެވެ. ކުނި މެނޭޖުކުރުމުގެ ބިލްގެ ނަމުގައި މި ބިލް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު އެވެ.

ފޮތި ކޮތަޅު ބޭނުންކުރުމުގެ އާދަ އަށަގެންނެވުމާއި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅުގެ އަދަދު މަދުކުރުމަށް ބާރު އެޅުމުގެ ގޮތުން މިދިޔަ އޭޕްރީލް މަހު އެސްޓީއޯ އިން ވަނީ ދިރާގު އަދި އެމްއޭސީސީއެސްއާ ގުޅިގެން ހާއްސަ ކެމްޕޭނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.