އަދާލަތު ޕާޓީ އުފެއްދީ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމުގެ މަސައްކަތް ކުރުމަށް ކަމަށާ އެ ޕާޓީ އެ ޒިންމާ އަދާކުރުމުގައި ދެމި އޮންނާނެ ކަމަށް އަދާލަތުގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ ރޭ މެންދަމު ކުރެއްވި ޓްވީޓެއްގައެވެ. އޭނާ މި ޓްވީޓް ކުރައްވާފައިވަނީ ސީދާ ކޮން ކަމަކާ ގުޅުވާ ކަމެއް ސާފުކޮށެއް ވިދާޅެއް ނުވެއެވެ. ޓްވީޓްގައި ވިދާޅުވީ އަދާލަތު ޕާޓީ އުފެއްދީ ދިވެހިރާއްޖޭގައި ފަނޑުވަމުންދިޔަ އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށް ކަމަށެވެ. އަދި އެ ޕާޓީ ދެމި އޮންނާނީވެސް އެ ޒިންމާ އަދާ ކުރުމުގައި ކަމަށެވެ.
އިމްރާންގެ މި ޓްވީޓަށް ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. އަދާލަތު ޕާޓީ އުފެއްދުމުގައި ވަރަށް ގިނަ ދީނީ އިލްމުވެރީންގެ ބައިވެރީން އޮތް ނަމަވެސް އެފަދަ އެތައް އިލްމުވެރިއެއް މިހާރު ވަނީ އެ ޕާޓީއާ ދުރަށްވަޑައިގެންފައެވެ. ދީނީ މައްސަލަތަކުގައި ވަރަށް ސާފުކޮށް ބަސް ކިޔަމުން އައި އަދާލަތު މި ފަހުން ފެންނަނީ އެފަދަ މައްސަލަތަކުގައި ބަސް ބުނަން ފަސް ޖެހޭ ޕާޓީއެއްގެ ގޮތުގައެވެ. އިލްމުވެރީން އެ ޕާޓީއާ ދުރަށް ވަޑައިގެންނެވި މައިގަނޑު ސަބަބަކީ އެއީ އެވެ.
ހާއްސަކޮށް ޕާޓީގެ ރައީސްގެ މަގާމަށް އިމްރާން އަބްދުﷲ ވަޑައިގެންނެވި ފަހުން އަދާލަތާމެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރުވެސް ވަނީ ވަރަށް ކުޑަވެފައެވެ.
އަދާލަތު ޕާޓީ އުފެއްދީ ދިވެހިރާއްޖޭގައި ފަނޑުވަމުންދިޔަ އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށް ކަމަށާ އަދި އެ ޕާޓީ ދެމި އޮންނާނީވެސް އެ ޒިންމާ އަދާ ކުރުމުގައި ކަމަށް އިމްރާން ވިދާޅުވިއިރު ރާއްޖޭގައި މިހާރު ހިނގަމުންދާ މުންކަރާތްތައް މަނާ ކުރުމުގައި އެ ޕާޓީން އަދާކުރި ދައުރަކީ ކޮބައިތޯ ވަރަށް ގިނަ ބަޔަކު ވަނީ އިމްރާނާ ސުވާލުކޮށްފައެވެ. އަދި ދައުލަތުގެ އެންމެ މުހިންމު އެއް މަގާމުގައި ހުންނަވައިގެން އިމްރާން ކުރެއްވީ ކޮން ކަމެއްތޯވެސް ސުވާލު ކޮށްފައިވެއެވެ.