ރާއްޖެގެ ހާރިޖީ ސިޔާސަތު ބޮޑު ޖަރީމާއަކަށް ހަދާފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އދ.ގެ ހާއްސަ ރެޕަޓުއާ ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަހީދު މިހެން ވިދާޅުވެފައި މިވަނީ ލަންކާގެ ރައިސް ގޮތަބަޔާ ރާޖަޕަކްސް ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށް ދިވެހި ސަރުކާރުން އެހީތެރިވެދިން މައްސަލައިގައި ނުރުހުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ.
ޑރ. ޝަހީދު ވިދާޅުވީ ދިވެހި ހާރިޖީ ސިޔާސަތު ޖަރީމައަކަށް ހަދާ، ގޮތަބަޔާއަށް ދިވެހި ސަރުކާރުން ހިމާޔަތް ދިނުމަކީ ލަދުވެތި އަމަލެއް ކަމަށެވެ.
ގޮތަބަޔާ އަކީ ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ މުޖުރިމެއްގެ ގޮތުގައި ސިފަކުރައްވަމުން ޑރ. ޝަހީދު ވިދާޅުވީ ރާއްޖޭގެ އިސްވެރިން ވަނީ އެފަދަ ބޭފުޅަކަށް ހިމާޔަތް ދީފައި ކަމަށެވެ.
ގޮތަބަޔާ ރޭ ދަންވަރުގެ ވަގުތެއްގައި ރާއްޖެ ވަަޑައިގަތުމަށްފަހު މިހާރު ރާއްޖެ ދޫކުރައްވާ ވަޑައިގެންފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ބުނެ އެވެ.
ގޮތަބަޔާ ލަންކާ އިން ފިއްލަވައިގެން އެހެން ގައުމަކަށް ވަޑައިގަތުމަށް ދިވެހި ސަރުކާރުން އެހީތެރިވެ ދީފައިވާތީ ލަންކާގެ ސިޔާސީ ބައެއް ބޭފުޅުންނާއި ދެ ގައުމުގެ ރައްޔިތުންވެސް ގެންދަނީ ދިވެހި ސަރުކާރުގެ އިސްވެރިންނަށް ފާޑު ވިދާޅުވަމުންނެވެ.
ގޮތަބަޔާ ފިއްލެވުމަށް ރާއްޖެއިން އެހީތެރިވެދީފައިވީ ނަމަވެސް ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި މިމައްސަލައިގައި ވާހަކައެއް ނުދައްކަ އެވެ.