ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ފިއްލެވުމަށްޓަކައި ރޭ ދަންވަރު ރާއްޖެ ވަޑައިގަތުމަށް އެހީތެރިވުމުގައި ގާނޫނީ ގޮތުން ދިވެހި ސަރުކާރުން އަމަލުކުރި ގޮތް ބަންޑާރަނައިބް އިބްރާހީމް ރިފްއަތު ސާފުކޮށްދެއްވުމަށް ރާއްޖޭގެ ކުރީގެ ބަންޑާރަނައިބް ދިޔާނާ ސައީދު ގޮވާލައްވައިފި އެވެ.
ދިޔާނާ މިކަމަށް އެދިވަޑައިގެންފައި މިވަނީ ގޮތަބަޔާ ރާއްޖެއަށް ވަޑައިގަތުމުގައި ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދިވެހި ސަރުކާރުގެ އިސްވެރިންގެ އިސްތަށިފުޅުގައި ތުހުމަތުތަކެއް އަޅުވަމުންދާ ވަގުތެއްގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ގޮތަބަޔާ ރާއްޖެއަށް ވަޑައިގަތީ ސްރީލަންކާގެ އަސްކަރީ މަތިންދާ ބޯޓެއްގަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޯޓު ޖެއްސުމަށް ފުރަތަމަ ހުއްދައަށް އެދުމުން ރާއްޖޭގެ ކަމާ ގުޅޭ އިދާރާތަކުން އެ ހުއްދައެއް ނުދެ އެވެ. ބޯޓު ޖެއްސުމަށް ދެވަނަ ފަހަރަށް ހުއްދައަށް އެދުމުން އެ ހުއްދަ ދިނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމުގައި އެހީތެރިވެ އެއްބާރުލުން ދިނުމުން ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ސްރީލަންކާގެ އެއާ ފޯސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފަިއިވަނީ ގޮތަބަޔާ ލަންކާ އިން ފުރާވަޑައިގަތީ ލަންކާގެ ޑިފެންސް މިނިސްޓްރީއާއި އިމިގްރޭޝަނާއި ކަސްޓަމްސް އަދި ކަމާ ގުޅުން ހުރި އެހެން އިދާރާތަކުން ވެސް ހުއްދަ ދީގެން ގާނޫނީ އިޖުރާއަތްތައް ފުރިހަމަކޮށްގެން ކަމަށެވެ. ލަންކާގެ ކަޓުނަޔަކަ އެއާޕޯޓުން ގޮތަބަޔާ ރާއްޖެ ވަޑައިގަތީ އަނބިކަނބަލުންނާއި ދެ ބޮޑީގާޑުންނާ އެކު އެވެ.
އަވަސް އަށް މައުލޫމާތު ދެއްވި އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ސްރީލަންކާ އިން ގޮތަބަޔާ ފުރާވަޑައިގަތީ އެ ގައުމުގެ ރައީސްގެ ހައިސިއްޔަތުން އެ މަގާމުގައި ހުންނަވައިގެން ކަމަށްވާނަމަ ފޮރިން މިނިސްޓްރީން ޑިފެންސް މިނިސްޓްރީއަށް ރަސްމީކޮށް އެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ. އަދި ޑިފެންސް މިނިސްޓްރީން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި އިމިގްރޭޝަން އަދި ކަސްޓަމަށް އެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ. އެކަމަކު ގޮތަބަޔާ ރާއްޖެ ވަޑައިގަތީ އެ އުސޫލުން އެ މަރުހަލާތައް ފުރިހަމަކުރައްވައިގެން ކަމަށް ގަބޫލުކުރަން ދަތި ކަމުގައިވެސް ވިދާޅުވި އެވެ.
މިތުހުމަތުތަކާ ގުޅިގެން ކުރީގެ ބަންޑާރަނައިބް އަދި ސާކްގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް ދިޔާނާ ސައީދު ވިދާޅުވީ ސްރީ ލަންކާގެ ސަލާމަތީ އިދާރާތަކުން ބުނާ ގޮތުގައި ގޮތަބަޔާ ރާއްޖެ ފުރައިވަޑައިގަތީ ލަންކާގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެކަމަކު ގޮތަބަޔާ ރާއްޖެއަށް އެތެރެވެވަޑައިގަތީ ދިވެހި ސަރުކާރުން ފުރިހަމަކުރަންޖެހޭ ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަންކަން ފުރިހަަމަކުރައްވައިގެންތޯ ބަންޑާރަނައިބް އިބްރާހީމް ރިފްއަތު ވިދާޅުވެ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
ދިޔާނާ އިތުރަށް ވިދާޅުވީ ރާއްޖެއަކީ ޑިމޮކްރަސީއާ އެއްގޮތަށް ހިނގާ ގައުމަކަށް ވެފައި ގޮތަބަޔާގެ މައްސަލައަކީ ދެ ގައުމުގެ ރައްޔިތުންނަށްވެސް މިހާރު ހައްސާސް މައްސަލައަކަށް ވާތީ މިމައްސަލައިގައި ދިވެހި ސަރުކާރުން ފުރިހަމައަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ.
ގޮތަބަޔާ ރާއްޖެއަށް ވަޑައިގެންނެވުމުގައި ދިވެހި ސަރުކާރުން އަމަލުކުރި ގޮތް ސާފުކޮށްދިނުމަށް ސަރުކާރަށް އެކިއެކި ފަރާތްތަކުން ފިއްތުއްތައް ކުރިމަތިކުރި ނަމަވެސް ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއަކުން މިމައްސަލައިގައި އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.