ކުޅިވަރު

ބޮޑީބިލްޑިންގެ އަންހެނުންގެ ބައި ކްރޮސްރޯޑްގައި ބާއްވަނީ

Jul 13, 2022
1

އޭޝިއާގެ ބޮޑީ ބިލްޑިން އަދި ފިޒިކްސް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ އަންހެން ކެޓަގަރީ ރާއްޖޭގެ ކްރޮސް ރޯޑްގައި ބާއްވަން ނިންމައިފި އެވެ.

އަންނަ ހޮނިހިރު ދުވަހު ފަށާ މުބާރާތުގެ އަންހެނުންގެ ބައި، ކްރޮސް ރޯޑްގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ރާއްޖޭގެ ބޮޑީ ބިލްޑިން އެސޯސިއޭޝަން (ބީބީއޭއެމް) އިން މިއަދު ވަނީ ހާަމަކޮށްފަ އެވެ.

ބީބީއޭއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭޝިއާގެ ބޮޑުީ ބިލްޑިން އަދި ފިޒިކްސް ސްޕޯޓްސް ޗެމްޕިއަންޝިޕް ފިރިހެނުން ބައި ކުރިއަށް ގެންދާނީ މާފުށީގައި ޓޫރިސްޓުން މޫދަށް އެރެން ހާއްސަކޮށްފައިވާ ސަރަހައްދުގައި މިމުބާރާތަށް ހަދާފައިވާ ސްޓޭޖުގައި ކަމަށެވެ. އަދި އަންހެނުންގެ ބައި ކުރިއަށް ގެންދާނީ ކްރޮސް ރޯޑްގައި ކަމަށެވެ.

ރާއްޖޭގައި ހޮނިހިރު ދުވަހު ފަށާ އިންޓަނޭޝަނަލް ބޮޑީ ބިލްޑިން މުބާރާތަކީ ރާއްޖޭގައި ބާއްވާ މިފަދަ ދެވަނަ މުބާރާތް ކަމަށް ބީބީއޭއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. މީގެއިތުރުން 2001 ވަނަ އަހަރު ދެކުނު އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތް ވެސް ރާއްޖޭގައި ކުރިއަށް ގެންދިޔަ ބީބީއޭއެމް އިން ފާހަގަކޮށްފައިވެ އެވެ.

އޭޝިއާގެ ބޮޑީ ބިލްޑިން އަދި ފިޒިކްސް ސްޕޯޓްސް ޗެމްޕިއަންޝިޕް މުބާރާތާ ގުޅޭ ގޮތުން ބީބީއޭއެމް އިން ބަޔާނެއް ނެރެފައި މިވަނީ މިމުބާރާތް ރާއްޖޭގައި ކުރިއަށް ނުގެންދިއުމަށް ބައެއް ދީނީ އިލްމުވެރިން ގޮވާލާފައި ވަނިކޮށެވެ.

އޭޝިއާގެ ބޮޑީ ބިލްޑިން އަދި ފިޒިކްސް ސްޕޯޓްސް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖޭގެ 20 އެތުލީޓަކު ބައިވެރިވެ އެވެ. ރާއްޖޭގެ އަމާޒަކީ މި މުބާރާތުގައި މަދުވެގެން 10 މެޑަލް ހޯދުމެވެ.

ބޮޑީބިލްޑިން އަކީ ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެއަށް ގިނަ މެޑަލްތަކެއް ހޯދާފައިވާ ކުޅިވަރެކެވެ.