އިޓަލީ

އިޓަލީގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް

Jul 13, 2022

އިޓަލީގެ ގައުމީ އެއާލައިން -- އިޓަލިއާ ޓްރާންސްޕޯޓޯ އެއިރޯ އެއާވޭސް (އައިޓީއޭ އެއާވޭސް)ގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވާން ފަށައިފި އެވެ.

މިދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހުން ފެށިގެންނެވެ.

އިޓަލީގެ ރޯމް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ދަތުރުތަކުގެ ޓިކެޓް ގަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިޓަލީން ރާއްޖެއަށް ކުރާ ދަތުރުތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ޑިސެމްބަރު 17 އިން އަންނަ އަހަރުގެ މާޗް 26ގެ ނިޔަލަށެވެ.

ޑިސެމްބަރުގައި ފަށާ ދަތުރުތައް ޖެނުއަރީ 22 އަށް ކުރިއަށް ގެންދަން ނިންމާފައިވަނީ ހަފްތާ އަކު ތިން ދަތުރެވެ. އޭގެފަހުން ކުރިއަށް ގެންދަން ނިންމާފައިވަނީ ހަފްތާ އަކު ދެ ދަތުރެވެ.

އިޓަލީގެ ނިއޯސް އެއާލައިނުންވެސް ގެންދަނީ އެ ގައުމުގެ މިލާން އަދި ރޯމުން ރާއްޖެއަށް ކޮންމެ ހަފުތާއަކު ތިން ދުވަހު ސީދާ ދަތުރުތައް ބާއްވަމުންނެވެ.

މިއަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ޖުލައި ފަސްވަނަ ދުވަހުގެ ނިޔަލަށް އިޓަލީން ރާއްޖެއަށް 49،828 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތް ކުރި 838،225 ފަތުރުވެރިންގެ ތެރެއިން އިޓަލީގެ މާކެޓަކީ އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ފަސްވަނަ މާކެޓެވެ.