ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ފިއްލަވައިގެން ރާއްޖެއަށް ވަޑައިގަތުމަށް އެހީތެރިވެދީފައިވާތީ ދިވެހި ސަރުކާރުން ލަންކާގެ ރައްޔިތުންގެ ކިބައިން މައާފަށް އެދެންހޭ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ބުނެފި އެވެ.
އެމްޑީއޭ އިން މިހެން ބުނެފައި މިވަނީ ގޮތަބަޔާ ފިއްލަވައިގެން ރާއްޖެއަށް ވަޑައިގަތުމަށް ދިވެހި ސަރުކާރުން އެހީތެރިވެދީފައިވާތީ އެކަމާ ދެކޮޅަށް ލަންކާއާއި ދިވެހި ރައްޔިތުން ވެސް އަޑުއުފުލަމުންދާ ވަގުތެއްގަ އެވެ.
އެމްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލަންކާގެ ރައްޔިތުން ނުރުހުން ގޮތަބަޔާއަށް އަމާޒުވެފައި ވަނިކޮށް ފިއްލަވައިގެން ރާއްޖެއަށް ވަޑައިގަތުމަށް ދިވެހި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާތީ އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރި ކުރާ ކަމަށެވެ.
ދިވެހި ދައުލަތުން އެހެން ގައުމުތަކުގެ ދާހިލީ މައްސަލަތަކުގެ ތެރެއަށް ވަނުމުން އެތައް އަހަރަކަށް އެކަމުގެ ގެއްލުން ލިބިގެންދާނެ ކަމަށްވެސް އެމްޑީއޭގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެންސްރީލަންކާގެ ރައީސް ގޮތަބަޔާ ރާއްޖެ ގެނައުމަށް ކުރެއްވި މަސައްކަތަކީ އިގްތިސާދީ އަނދަވަޅެއްގައި އޮތް ލަންކާގެ ރައްޔިތުންގެ އިހްސާސްތަކުގައި ކޮޅުފައިން ޖެހުން ކަމަށްވެސް ބުނެފައިވެ އެވެ. އަދި މިފަދަ އަމަލުތައް ތަކުރާރު ނުވާނެހެން ފިޔަވަޅުތައް އެޅުމަށްވެސް ގޮވާލާފައިވެ އެވެ.
"ލަންކާގެ ލޮބުވެތި ރައްޔިތުންގެ ކިބައިން މިކަމުގައި މައާފަށް އެދުމަށްވެސް ދިވެހި ސަރުކާރަށް ގޮވާލަން." ބަޔާނުގައިވެ އެވެ.
އެމްޑީއޭގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖެއަކީ ވަކި ފަރާތަކަށް ނުޖެހޭ ހާރިޖީ ސިޔާސަތެއް ގެންގުޅޭ ގައުމަކަށްވާތީ އެ ސިޔާސަތު މުގުރާލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ގޮތަބަޔާ ރާއްޖެ ގެނައުމުގެ ކަންކަން ހިނގާދިޔަ ގޮތް ތަހުގީގު ކުރުމަށްފަހު ރައްޔިތުންނަށް އެ މައުލޫމާތު ސާފުކޮށްދިނުމަށްވެސް އެމްޑީއޭގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.