އިސްލާމިކް ފައިނޭންސް

އިސްލާމިކް ބޭންކްގެ ތިނަދޫ ބްރާންޗް ހުޅުވައިފި

އިސްލާމިކް ބޭންކުން، ގދ. ތިނަދޫގައި އެ ބޭންކްގެ ބްރާންޗެއް މިއަދު ހުޅުވައިފިއެވެ. މިއީ އެ ބޭންކްގެ ތިންވަނަ ބްރާންޗެވެ.

އެ ބޭންކުން ބުނީ ތިނަދޫގައި އިސްލާމިކް ބޭންކްގެ ބްރާންޗެއް ހުޅުވީ އެ ބޭންކްގެ ސްޓްރެޖެޓިކް ޕްލޭންގެ ދަށުން ބްރާންޗްތަކުގެ ނެޓްވޯކް ފުޅާކުރަން ކުރާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

އަލަށް ހުޅުވި މި ބްރާންޗް ހުންނަނީ ތިނަދޫގެ މައި ޖެޓީ ކައިރީގައެވެ. ބޭންކުން ބުނީ އަލަށް ހުޅުވި އެ ބްރާންޗުގެ ސަބަބުން އެ އަތޮޅުގެ ކައިރި ރަށްރަށުގެ ރައްޔިތުންނަށް ވެސް ބޭންކްގެ ހިދުމަތް ފަސޭހައިން ލިބިގަނެވޭނެ ކަމަށެވެ.

ތިނަދޫ ބްރާންޗުން ވެސް އެ ބޭންކުން ދޭ ގިނަ ހިދުމަތްތަކެއް ލިބެ އެވެ. އެގޮތުން ޑިޕޮސިޓް އެންޑް އިންވެސްޓްމެންޓްސް އެކައުންޓްސް، ބިޒްނަސް ފައިނޭންސިން ފެސިލިޓީސް، ކޮންސިއުމާ ފައިނޭންސިން ފެސިލިޓީސް، ޓްރޭޑް ފައިނޭންސް، ފަދަ ހިދުމަތްތައް ހިމެނެއެވެ.

އަލަށް ހުޅުވި މި ބްރާންޗްގެ މެނޭޖަރަކީ އަބްދުލް އަޒީޒް ރިފާއުއެވެ. އިތުރު ހަ މުވައްޒަފުން ވެސް މި ބްރާންޗްގައި މަސައްކަތްކުރާނެ އެވެ.

އިސްލާމިކް ބޭންކްގެ މައި ބްރާންޗް މާލޭގައި ގާއިމްކޮށްފައިވާއިރު އައްޑޫ ސިޓީގައި ވެސް އެ ބޭންކްގެ ބްރާންޗެއް ހުރެއެވެ. މީގެ އިތުރުން ބޭންކްގެ ގޮފިތައް އިތުރަށް ފުޅާކުރުމުގެ ގޮތުން މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ހުޅުމާލެ އަދި ހދ. ކުޅުދުއްފުށީގައި އިސްލާމިކް ބޭންކްގެ ބްރާންޗްތައް ހުޅުވާނެ އެވެ.