ލަންކާގެ ރައީސް ކަމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވެސް މަގާމުން އިސްތިއުފާ ދެއްވުމަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ޕާޓީތަކުގެ ލީޑަރުން ގޮވާލައްވައިފި އެވެ.
މި ބައްދަލްވުމަކީ ލަންކާގެ މިހާރު ހާލަތާއި ގުޅޭގޮތުން މަޝްވަރާކޮށް ހާލަތު ވީހާވެސް އަވަހަށް ރަނގަޅު ކުރަން އެޅިދާނެ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ ރައީސް އިސްނަންގަވައިގެން ބޭއްވެވި ބައްދަލްވުމެކެވެ. މި ބައްދަލްވުމުގައި ލަންކާގެ ނާޒުކު ހާލަތު މަޖިލީހުގެ ރައީސް ވަނީ ވަރަށް ތަފްސީލުކޮށް ހިއްސާ ކޮށް ދެއްވާފައެވެ. އަދި ޗީފް އޮފް ޑިފެންސް ސްޓާފާއި ސިފައިންގެ ކޮމާންޑަރުންނާއި އިންސްޕެކްޓަރު ޖެނެރަލް އޮފް ޕޮލިސް ވަނީ ގައުމުގެ ހާލަތާއި ގުޅޭގޮތުން ލީޑަރުންނަށް މައުލޫމާތު އަރުވާފައެވެ.
މި ބައްދަލްވުމުގައި އެ ބޭފުޅުންގެ ވާހަކަތަކަށް ފަހު ހުރިހާ ލީޑަރުންހެން އެދިވަޑައިގަތީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވެސް މަގާމުން އިސްތިއުފާ ދެއްވުމަށެވެ. އަދި ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އެއީ ކަމަށް ލީޑަރުން ވިދާޅުވި އެވެ.
މިއަދުގެ ބައްދަލްވުމުގައި ގާނޫނު ހަދާ މަޖިިލީހުގެ ރައީސް ވަނީ މިރޭ 12 ގެ ކުރީން ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގަންނަވާނެ ކަމަށާ އައު ރައީސަކު އިންތިހާބު ކުރުން 20 ވަނަ ދުވަހު ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިރޭ 12 ޖެހިއިރުވެސް ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ އިސްތިއުފާގެ ސިޓީ ލިބިފައެއް ނުވެއެވެ.
ލަންކާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ކޮލަމްބޯގައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ ގެ އާއި އޮފީސް ވެސް ލަންކާގެ މުޒާހަރާގެ ބައިވެރިންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނިކޮށް މި މަހުގެ ނުވަވަނަ ދުވަހުގެ ރޭ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވަަނީ މަގާމުން އިސްތިއުފާ ދެއްވާނެ ކަން އިއުލާނު ކުރައްވާފައެވެ. ލަންކާގެ ނޫސްތަކުގައި ރިޕޯޓް ކުރާ ގޮތުން އިސްތިއުފާ ދެއްވުން ފަސް ކުރެއްވީ ހިމާޔަތް ލިބިވަޑައިގަންނަވާނެ ފަދަ ތަނަކަށް ވަޑައިގެންނެވެންދެނެވެ.