ސްރީލަންކާގެ އައު ރައީސަކަަށް އިންތިހާބުވި ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމުގެ ހުވާ ކުރައްވައިފި އެވެ. ރައީސް ކަމުގެ ހުވާ ރަނިލް ކުރައްވާފައި ވަނީ ޕާލަމެންޓްރީ ކޮމްޕްލެކްސްގަ އެވެ.
ރަނިލް ވަނީ އެސްއެލްޕީޕީގެ މެމްބަރު ދުލާސް އަލަހައްޕެރޫމާ އާއި ޖޭވީޕީގެ ލީޑަރު އަނޫރާ ކުމާރާ ޑިސަނާޔަކޭ ބަލިކޮށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ އޮތް ސިއްރު ވޯޓުގައި ވޯޓުގެ އަގުލަބިއްޔަތު ހޯއްދަވައިފަ އެވެ. އެމަނިކުފާނު އިންތިހާބުވެވަޑައިގަތީ ސިއްރު ވޯޓުގައި 134 ވޯޓް ހޯއްދަވައިގެންނެވެ. ލަންކާއަށް އައު ރައީސަކު ހޮވުމަށް އޮތް ޖަލްސާގައި މަޖިލީހުގެ 223 މެންބަރުން ވޯޓު ދެއްވާފައިވެއެވެ. ދެ މެމްބަރަކު ވޯޓު ނުދެއްވައެވެ. 219 ވޯޓް ސައްހަ އެވެ. ހަތަރު ވޯޓަކީ ބާތިލް ވޯޓް ކަމަށް ވަނީ ކަނޑައަޅާފައެވެ.
ރައީސްގެ ހުވާ ކުރެއްވުމާއެކު ރަނިލް ފުރުއްވަމުން ގެންދެވި ގާނޫނު ހަދާ މަޖިލީހުގެ ގޮޑި ވަނީ ހުސްވެފައެވެ. ރިޔާސީ ދެ އިންތިހާބަކުން ބަލިވެވަޑައިގެންނެވި ރަނިލް ވިކްރަމަސިންހަ ހުވާ ކުރެއްވުމާއެކު ލަންކާގެ 8 ވަނަ ރައީސްގެ ގޮތުގައި ތާރީހުން ވަނީ ޖާގަ ހޯއްދަވާފައެވެ.
އުމުރުފުޅުން 73 އަހަރުގެ ރަނިލް އަކީ ލަންކާގެ ތާރީހުގައި އެންމެ ގިނަ ފަހަރު މަތީން ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއެވެ. ހަ ފަހަރެއްގެ މަތީން އެމަނިކުފާނު ވަނީ އެ މަގާމު ފުރުއްވާފައެވެ. ނަމަވެސް އެއްވެސް ފަހަރަކު ދައުރު ފުރިހަމަ ކުރެއްވޭ ގޮތެއް ނުވިއެވެ.
ލަންކާއަށް އައި ބަދަލު
ލަންކާގެ އާންމުންގެ ރުޅިވެރިކަމުގެ ސަބަބުން މެއި މަހުގެ ތެރޭގައި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވި އެވެ. އެފަހުން ރަނިލް ވިކްރަމަސިންހަ ވަނީ ބޮޑުވަޒީރު ކަމަށް އައްޔަން ކުރައްވާފަ އެވެ.
އަދި ޖުލައި މަހު ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ވެސް އިސްތިއުފާ ދެއްވާފައެވެ. ގޮޓަބަޔާ އިސްތިއުފާ ދެއްވީ މަގާމުގައި ހުންނެވުމަށް ކުރެއްވި ހުރިހާ މަސައްކަތެއް ނާކާމިޔާބުވެ މަޖުބޫރު ވެގެންނެވެ. އަމިއްލަ ގައުމުގައިވެސް ރައްކާތެރިކަން ގެއްލި ސިއްރިޔާތުގައި ރާއްޖެ ވަޑައިގަތެވެ. އަދި ރާއްޖެއިން ސިންގަޕޫރަށް ވަޑައިގެން އިސްތިއުފާ ދެއްވީ އެވެ.
އެ ގައުމުން އަދި އެހެން ބައެއް ގައުމުތަކުންވެސް ހިމާޔަތް ހޯއްދަވަން ގޮޓަބަޔާ މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު އޮވެއެވެ. ގައުމު ދޫކުރައްވާ ވަޑައިގަތުމުން ރަނިލް ވިކްރަމަސިންހަ ވަނީ އެކްޓިން ރައީސް ކަމަށް އައްޔަން ކުރައްވާފަ އެވެ.