ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިގައި ފިޔަވަޅު ވަރުގަދަކޮށްފި

ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އެ ގައުމު ދޫކުރައްވާ ރާއްޖެ ވަޑައިގެންނެވި ފަހުން ދިވެހީންގެ މައި ވައިގެ ބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ސިފައިންނާއި ފުލުހުންގެ ފުރިހަމަ ގިއަރުގައި ސެކިއުރިޓީ ބަލަހައްޓަން ފަށައިފި އެވެ.

އުމުރުފުޅުން 73 އަހަރުގެ ރައީސް ގޮޓަބަޔާ އަދި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ބޮޑީގާޑަކު ހިމެނޭހެން އަސްކަރީ ޖެޓެއްގައި ރާއްޖެ ވަޑައިގަތީ ރޭ މެންދަމުގެ ވަގުތެއްގައެވެ. ކުރީން ހަމަޖެހިފައި އޮތް ގޮތުން މިރޭ 12 ގެ ކުރީން ގޮޓަބަޔާ ސިންގަޕޫރަށް ފުރާވަޑައިގަންނަވާނެ އެވެ. ނަމަވެސް އެ ދަތުރުފުޅު މިހާރު އޮތީ ފަސްވެފައެވެ. އެހެން ކަމުން މިރެއާއި މާދަމާގެ ބައެއް އަދި ހޭދަ ކުރައްވާނީ ރާއްޖޭގައި ކަމަށް ބެލެވެއެވެ.

ރައީސް ގޮޓަބަޔާ ފުރާވަޑައިގަންނަވަންދެން އެއާޕޯޓް އޮތީ ސިފައިންނާއި ފުލުހުންގެ ފުރިހަމަ ގިއަރުގައި ސެކިއުރިޓީ ގައެވެ. އެެއާޕޯޓްގައި މިރޭ ނޫސްވެރީންވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ. ނޫސްވެރީންގެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ކުރިމަތި ކުރުވާ ކަމަށް ނޫސްވެރީން ދެކެއެވެ.

ންކާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ކޮލަމްބޯގައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ ގެ އާއި އޮފީސް ވެސް ލަންކާގެ މުޒާހަރާގެ ބައިވެރިންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނިކޮށް މި މަހުގެ ނުވަވަނަ ދުވަހުގެ ރޭ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވަަނީ މަގާމުން އިސްތިއުފާ ދެއްވާނެ ކަން އިއުލާނު ކުރައްވާފައެވެ.

ނަމަވެސް ލަންކާގެ ޕާލަމެންޓްގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާ ވިދާޅުވި ގޮތުގައި 12 ޖެހުމާ ހަަމައަށްވެސް ރައީސްގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިނުގަތެވެ. ލަންކާގެ ނޫސްތަކުގައި ރިޕޯޓް ކުރާ ގޮތުން އިސްތިއުފާ ދެއްވުން ފަސް ކުރެއްވީ ހިމާޔަތް ލިބިވަޑައިގަންނަވާނެ ފަދަ ތަނަކަށް ވަޑައިގެންނެވެންދެނެވެ. ރޭ ދަންވަރުން ފެށިގެން ގޮޓަބަޔާ ހުންނެވީ ރާއްޖޭގައެވެ. ސިފައިންގެ އަސްކަރީ ރަށް -- ގިރިފުށި -- ގައި ހުންނެވި ކަމަށް ބައެއް މަސްދަރުތައް ބުނެއެވެ. ނަމަވެސް އެއްވެސް އިދާރާއަކުން އެކަން ޔަގީން ކޮށެއް ނުދިނެވެ. ލަންކާގެ ރައްޔިތުން ރުޅިގަދަވެފައި ވަނިކޮށް ރާއްޖެއިން ގޮޓަބަޔަ އަށް ވަގުތީ ގޮތުން ހިމާޔަތް ދިން ސަބަބާއި ގުޅޭގޮތުން ކޮމެންޓެއް ކުރަންވެސް ސަރުކާރު އޮތީ ފަސްޖެހިފައެވެ.