ރަޝިއާއިން ޔުކްރޭން މީހުންނަށް ހަދައިދޭ ޕާސްޕޯޓް ބަލައިގަތުމުގެ ވިސްނުމެއް ނެތް ކަމަށް ޔޫރަޕިއަން ޔޫނިއަން ފޮރިން ޕޮލިސީ ސަފީރު ޖޯސެފް ބޮރެލް ވިދާޅުވެއްޖެ އެވެ.
ބޮރެލް ޓްވިޓާގައި ވިދާޅުވެފައި ވާގޮތުން ޔުކްރޭން މީހުންގެ މިނިވަންކަމަށް އަރައިގަނެ ރަޝިއާ ހިންގަމުން ގެންދާ އުދުވާނީ ހަމަލާތައް ގޮތުގައި ޔޫރަޕިއަން ޔޫނިއަނުން ބަލަނީ ހަމައެކަނި ކަނޑި އާއި ބަޑިން ދޭ ހަމަލާތައް ނޫން ކަމަށެވެ.
ރަޝިއާއިން ވަކި ޕާސްޕޯޓަކާއި އައިޑީ ކާޑެއް ޔުކްރޭން މީހުންނަށް ހަދައިދިން ނަމަވެސް އެއީ ވެސް އުދުވާނީ އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޔުކްރޭން މީހުންނަށް ޕާސްޕޯޓް ހަދައި ދިނުމަކީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންގެ ޚާއްސަ އަމުރަކަށް ރަޝިއާ އޮފިޝަލުން ކުރާ ކަމެކެވެ. ޕޫޓިން އަންގަވާފައި އޮތީ ބޭނުން ޖެހޭ ކޮންމެ މީހަކަށް ރަޝިއާއިން ޕާސްޕޯޓް ހަދައި ދިނުމަށެވެ.
ރަޝިއާއިން ކުރިން 2019 ގައި އަންގާފައި އޮތީ ޔުކްރޭނުން ވަކިވެ އަދި ވަކި އަވަށްތަކުގައި ދިރިއުޅޭ މީހުންނަށް ޕާސްޕޯޓް ހަދައި ދިނުމަށެވެ. އެހެން ނަމަވެސް މިހާރު އަންގާފައި އޮތީ ބޭނުން ޖެހިއްޖެ ނަމަ ކޮންމެ މީހަކަށް ވެސް ޕާސްޕޯޓް ހަދައި ދިނުމަށެވެ.
ރިޕޯޓްތައް ބުނާ ގޮޮތުން ރަޝިއާ ޕާސްޕޯޓް ބޭނުންކުރާ 800،000 މީހުން ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ދިރިއުޅެ އެވެ. ރަޝިއާއިން މިހާރު ބާރުގަދަ ކުރަމުން ގެންދާ އަވަށްތަކުގައި ދިިރިއުޅޭ މީހުންނަށް ވެސް ޕާސްޕޯޓް ހަދައިދޭން ޕޫޓިން ވަނީ އަރުމު ކުރައްވާފަ އެވެ.