ބުދަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އިއުލާނު ކުރެއްވި ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ، ވަރަށް އަވަހަށް އިސްތިއުފާގެ ސިޓީ ގާނޫނު ހަދާ މަޖިލީހަށް ފޮނުއްވާނެ ކަމަށް އަނެއްކާވެސް އަންގަވައިފި އެވެ. އެކަން ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާ މިއަދު ވަނީ ޔަގީން ކޮށްދެއްވާފައެވެ.
މަހިންދާ ޔަޕާ އަބޭވަރްދެނާ ހަވާލާދީ ލަންކާގެ ބޮޑެތި ނޫސްތަކުން ބުނި ގޮތުގައި ރޭ މެންދަމުގެ ފަހުން ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ މެސެޖެއްް މަހިންދާ ޔަޕާ އަބޭވަރްދެނާ އަށް ވަނީ ލިބިވަޑައިގެންފައެވެ. އެ މެސެޖްގައި ރައީސް ގޮޓަބަޔަ ރާޖަޕަކްސަ މިވަގުތު ހުންްނެވީ ވަރަށް ބޮޑެތި ޕްރެޝަރުތަކެއްގެ ތެރޭގައި ކަމަށް ވާތީ އިސްތިއުފާގެ ސިޓީ ކަނޑައެޅިފައިވާ ތާރީހަށް ފޮނުއްވޭ ގޮތް ނުވީ އެވެ. އަދި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ވީހާވެސް އަވަހަށް އިސްތިއުފާގެ ސިޓީ ފޮނުއްވުމަށް ކަމަށް ވިދާޅުވިއެވެ. އެކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރައްވައް ފައްޓަވައިފި ކަމަށެވެ.
ލަންކާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ކޮލަމްބޯގައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ ގެ އާއި އޮފީސް ވެސް ލަންކާގެ މުޒާހަރާގެ ބައިވެރިންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނިކޮށް މި މަހުގެ ނުވަވަނަ ދުވަހުގެ ރޭ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވަަނީ މަގާމުން އިސްތިއުފާ ދެއްވާނެ ކަން އިއުލާނު ކުރައްވާފައެވެ.
ލަންކާގެ ނޫސްތަކުގައި ރިޕޯޓް ކުރާ ގޮތުން އިސްތިއުފާ ދެއްވުން ފަސް ކުރެއްވީ ހިމާޔަތް ލިބިވަޑައިގަންނަވާނެ ފަދަ ތަނަކަށް ވަޑައިގެންނެވެންދެނެވެ. އިހަށް ރޭ ދަންވަރުން ފެށިގެން ގޮޓަބަޔާ ހުންނެވީ ރާއްޖޭގައެވެ. ސިފައިންގެ އަސްކަރީ ރަށް -- ގިރިފުށި -- ގައި ހުންނެވި ކަމަށް ބައެއް މަސްދަރުތައް ބުނެއެވެ. ނަމަވެސް އެއްވެސް އިދާރާއަކުން އެކަން ޔަގީން ކޮށެއް ނުދިނެވެ. ލަންކާގެ ރައްޔިތުން ރުޅިގަދަވެފައި ވަނިކޮށް ރާއްޖެއިން ގޮޓަބަޔަ އަށް ވަގުތީ ގޮތުން ހިމާޔަތް ދިން ސަބަބާއި ގުޅޭގޮތުން ކޮމެންޓެއް ކުރަންވެސް ސަރުކާރު އޮތީ ފަސްޖެހިފައެވެ.
ލަންކާ ނޫސްތަކުން ބުނާ ގޮތުގައި ގޮޓަބަޔަ ރާޖަޕަކްސަ އަށް ސިންގަޕޫރުން ހިމާޔަތްދޭން އެެއްބަސްވެއްޖެ އެވެ. އެހެން ކަމުން އިސްތިއުފާގެ ސިޓީ ފޮނުއްވާނީ ސިންގަޕޫރަށް ވަޑައިގެންނެވުނު ވަގުތަކުންނެވެ. ކުރީން ހަމަޖެހިފައި އޮތް ގޮތުން ރޭ 12 ގެ ކުރީން ގޮޓަބަޔާ ސިންގަޕޫރަށް ފުރާވަޑައިގަންނަވާނެ އެވެ. ނަމަވެސް އެ ދަތުރުފުޅު މިހާރު އޮތީ ފަސްވެފައެވެ. އަދި ޕްރައިވެޓް ޖެޓެއް މިވަގުތު ވީއައިއޭގައި އޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ.