ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ސްރީ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ މިވަގުތު ހުންނެވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް -- ވީއައިއޭ -- ގައި ކަމަށާ 11:30 ގައި އެމަނިކުފާނު ރާއްޖެއިން ފުރާވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
އެކަން މައުލޫމާތު އެނގޭ ދިވެހި އޮފިޝަލަކު ދެންމެ އަވަސްއަށް ޔަގީން ކޮށް ދިނެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި ގޮޓަބަޔާ ފުރުއްވަން ހަމަޖެހިފައިވަނީ ސައުދީއެއާލައިންގެ ފްލައިޓަކުންނެވެ. ކުޑައިރުކޮޅެއްގެ ފަހުން އެ ފްލައިޓް ނައްޓާލާނެ އެވެ. ގޮޓަބަޔާ އެއާޕޯޓަށް ވަޑައިގެންފައި ވަނީ ހުޅުލެއާ ދުރު ނޫން ރިސޯޓެއްގައި ހުންނެވުމަށް ފަހު މިއަދު ހެނދުނުގެ ވަގުތުގައެވެ.
ގޮޓަބަޔާ ވަޑައިގަންނަވާ ވަގުތާ ދިމާކޮށް ވީއައިއޭގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަ ކުރިއެވެ. ސައުދީއެއާލައިން ދަތުރު ކުރަނީ މާލެ އިން މެލޭޝިޔާގެ ކުއަލަލަމްޕޫރަށް އަދި ކުއަލަލަމްޕޫރުން ސައުދީގެ ޖިއްދާ އަށެވެ. މިދަތުރު ހަމަޖެހިފައި އޮތް ގޮތެއް ސާފެއް ނުވިއެވެ. ގޮޓަބަޔާ ވަޑައިގަންނަވަނީ ސިންގަޕޫރަށް ކަމަށާ އެ ގައުމުން އެމަނިކުފާނަށް ހިމާޔަތް އަރުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މެލޭޝިޔާއަށް ވަޑައިގަތުމަށް ފަހު އެ ގައުމުން ސިންގަޕޫރަށް ވަޑައިގަންނަވަނީ ކަމެއް ނުވަތަ މެލޭޝިޔާގައި މަޑުނުކުރައްވާ ސައުދީ އަަށް ވަޑައިގަންނަވަނީ ކަމެއް ޔަގީނެއް ނޫނެވެ.
ސަލާމަތީ ސަބަބުތަކަކަށްޓަކައި ޕްރައިވެޓް ޖެޓެއްގައި ދަތުރުކުރައްވަން ނިންމަވާފައިވާ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް އޮފިޝަލް ވިދާޅުވި ގޮތުގައި އެއީ ދަތުރުފުޅުގެ މައުލޫމާތު އޮޅުވާލެއްވުމަށް ގަސްތުގައި ފެތުރި ވާހަކަތަކެކެވެ. އަދި ގޮޓަބަޔާ ފުރުއްވަން މިއަދު ހެނދުނު ޖެޓެއް ވީއައިއޭގައި ޖެއްސި ކަމަށް ބުނާ ހަބަރަކީ ސައްހަ ހަބަރެއް ނޫން ކަމަށެވެ.
އިސްތިއުފާ ދެއްވާނެތަ؟
ލަންކާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ކޮލަމްބޯގައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ ގެ އާއި އޮފީސް ވެސް ލަންކާގެ މުޒާހަރާގެ ބައިވެރިންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނިކޮށް މި މަހުގެ ނުވަވަނަ ދުވަހުގެ ރޭ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވަަނީ މަގާމުން އިސްތިއުފާ ދެއްވާނެ ކަން އިއުލާނު ކުރައްވާފައެވެ.
ލަންކާގެ ނޫސްތަކުގައި ރިޕޯޓް ކުރާ ގޮތުން އިސްތިއުފާ ދެއްވުން ފަސް ކުރެއްވީ ހިމާޔަތް ލިބިވަޑައިގަންނަވާނެ ފަދަ ތަނަކަށް ވަޑައިގެންނެވެންދެނެވެ.
ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާ މިއަދު ވިދާޅުވި ގޮތުގައި ރަށް އަވަހަށް އިސްތިއުފާގެ ސިޓީ ގާނޫނު ހަދާ މަޖިލީހަށް ފޮނުއްވާނެ ކަމަށް ރައީސް ގޮޓަބަޔަ ވަނީ އަންގަވާފައެވެ. މަހިންދާ ޔަޕާ އަބޭވަރްދެނާ ހަވާލާދީ ލަންކާގެ ބޮޑެތި ނޫސްތަކުން ބުނި ގޮތުގައި ރޭ މެންދަމުގެ ފަހުން ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ މެސެޖެއްް މަހިންދާ ޔަޕާ އަބޭވަރްދެނާ އަށް ވަނީ ލިބިވަޑައިގެންފައެވެ. އެ މެސެޖްގައި ރައީސް ގޮޓަބަޔަ ރާޖަޕަކްސަ މިވަގުތު ހުންްނެވީ ވަރަށް ބޮޑެތި ޕްރެޝަރުތަކެއްގެ ތެރޭގައި ކަމަށް ވާތީ އިސްތިއުފާގެ ސިޓީ ކަނޑައެޅިފައިވާ ތާރީހަށް ފޮނުއްވޭ ގޮތް ނުވީ އެވެ. އަދި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ވީހާވެސް އަވަހަށް އިސްތިއުފާގެ ސިޓީ ފޮނުއްވުމަށް ކަމަށް ވިދާޅުވިއެވެ. އެކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރައްވައް ފައްޓަވައިފި ކަމަށެވެ.
އިސްތިއުފާ ދެއްވުން ފަސް ކުރައްވާތީ އިސްތިއުފާގެ ސިޓީ މާ އަވަހަށް ފޮނުއްވާނެ ކަމަށް ނުބެލެވޭ ކަމަށްވެސް ބައެއް ފަރާތްތަކުން ދެކެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ރައީސް ގެންދަވަނީ އަސްކަރިއްޔާގެ ވެރީންނާއި ފުރިހަމައަށް މުއާމަލާތް ކުރައްވަމުންނެވެ. އަދި އަސްކަރީންް މެދުވެރިކޮށް ގައުމު ހަމައަަކަށް އެޅުއްވޭތޯ މަސައްކަތް ކުރައްވައެވެ.
ވަގުތީ ރައީސަކަށް ރަނިލް، ރައީސަކު ހޮވުން 20 ގައި
ގައުމު ދޫކުރައްވާ ވަޑައިގަތުމުން ވަގުތީ ރައީސެއްގެ ގޮތުގައި ރައީސްގެ ހުރިހާ ބާރުތަކެއް ބޮޑުވަޒީރު ރަނިލްއާ ވަނީ ހަވާލު ކުރައްވާފައެވެ. އެކަން ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވަނީ ރަސްމީކޮށް އިއުލާނު ކުރައްވާފައެވެ. މި އިއުލާނާއެކުވެސް ލަންކާގެ ހަލަބޮލި ހަމަނުޖެހުން ބޮޑު މަސްރަހު އިތުރަށް ގޯސްވީ އެވެ. ލަންކާގެ ގިނަ ރައްޔިތުންގެ ވިސްނުމުގައި ރައީސް ގޮޓަބަޔަގެ އިތުރުން ބޮޑުވަޒީރު ރަނިލްވެސް މަގާމުން ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވައެވެ. ހާލަތުގެ ބޭނުން ހިއްޕަވާ މަގާމަށް ވަޑައިގެންނެވި ނަމަވެސް ރަނިލް އަކީ ލަންކާ އޮތް ހާލަތު ރަނގަޅު ކުރެއްވޭނެ ލީޑަރެއް ކަމަކަށް އެ ރައްޔިތުން ނުދެކެއެވެ.
ލަންކާގެ އާންމުން މަގުތަކަށް ނިކުތުމުން ބޮޑުވަޒީރު ރަނިލް ވަނީ ގައުމުގެ ބޮޑު ސަރަހައްދެއްގައި ކާފިއު ހިންގަން އަމުރުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވާފައެވެ.
ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި ރައީސްގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގަތުމާއެކު އައު ރައީސަކު ހޮވުން މި މަހުގެ 20 ވަނަ ދުވަހު ކުރިއަށް ގެންދަވާނެ އެވެ. އިސްތިއުފާ ދެއްވުން ފަސްވެފައި ވީނަމަވެސް އެ މަގުން ކަންކަން ކުރެއްވޭނެ ކަމަށް އަދިވެސް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ޕާޓީތަކުން އެދެނީ ރަނިލް އިސްތިއުފާ ދެއްވަން
ލަންކާގެ ރައީސް ކަމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވެސް މަގާމުން އިސްތިއުފާ ދެއްވުމަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ޕާޓީތަކުގެ ލީޑަރުން ވަނީ ގޮވާލައްވާފައެވެ.
އިއްޔެ އޮތް ބައްދަލްވުމަކީ ލަންކާގެ މިހާރު ހާލަތާއި ގުޅޭގޮތުން މަޝްވަރާކޮށް ހާލަތު ވީހާވެސް އަވަހަށް ރަނގަޅު ކުރަން އެޅިދާނެ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ ރައީސް އިސްނަންގަވައިގެން ބޭއްވެވި ބައްދަލްވުމެކެވެ. މި ބައްދަލްވުމުގައި ލަންކާގެ ނާޒުކު ހާލަތު މަޖިލީހުގެ ރައީސް ވަނީ ވަރަށް ތަފްސީލުކޮށް ހިއްސާ ކޮށް ދެއްވާފައެވެ. އަދި ޗީފް އޮފް ޑިފެންސް ސްޓާފާއި ސިފައިންގެ ކޮމާންޑަރުންނާއި އިންސްޕެކްޓަރު ޖެނެރަލް އޮފް ޕޮލިސް ވަނީ ގައުމުގެ ހާލަތާއި ގުޅޭގޮތުން ލީޑަރުންނަށް މައުލޫމާތު އަރުވާފައެވެ.
މި ބައްދަލްވުމުގައި އެ ބޭފުޅުންގެ ވާހަކަތަކަށް ފަހު ހުރިހާ ލީޑަރުންހެން އެދިވަޑައިގަތީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވެސް މަގާމުން އިސްތިއުފާ ދެއްވުމަށެވެ. އަދި ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އެއީ ކަމަށް ލީޑަރުން ވިދާޅުވި އެވެ.