ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޖަމީލުގެ ސުވާލެއް އިމްރާނަށް؛ ދީނަށް ހިދުމަތް ކުރީ ކިހިނެތް؟

ދެހާސްފަސްވަނަ އަހަރުން ފެށިގެން މިހާތަނަށް އިސްލާމްދީނަށް އެންމެ ބޮޑު ހިދުމަތެއް ކުރީ އަދާލަތު ޕާޓީން ކަމަަށް ވިދާޅުވެ އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތަކާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަދި އިލްމުވެރިޔާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ސުވާލެއް ކުރިމަތި ކުރައްވައިފި އެވެ.

މި މޭރުމުން އިމްރާން ރޭ ޓްވީޓް ކުރެއްވީ ކުރީ ރޭ މެންދަމު ކުރެއްވި ޓްވީޓަކާއި ގުޅިގެން އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް އޭނާއަށް އަމާޒުވެ ހޫނު ފެނަށް ވެއްޓިފައި ވަނިކޮށެވެ. އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް މިދިޔަ ތިން އަހަރު ނުވަތަ 2005 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބެލިނަމަވެސް އަދާލަތުގެ އިލްމުވެރީންނަށް ވުރެ ބޮޑަށް އިސްލާމް ދީނަަށް ހިދުމަތް ކުރި ޕާޓީއެއްވެސް އަދި ޖަމާއަތެއްވެސް ރާއްޖޭގައި ނެތް ކަމަށެވެ. އެއީ ހަގީގަތް ކަމަަށް ވިދާޅުވިއެވެ.

އެ ޓްވީޓާއި ގުޅިގެން ޖަމީލް ވަނީ ލޯމަތީން ފެންނަ ހުންނަ ކަންކަން އޮޅުވާނުލެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެތައް ދޮގު ތުހުމަތުތަކެއް އުފައްދަވާ މެއި 1، 2015 ގައި -- މޭޑޭ ގައި -- އިމްރާން ދެއްކެވި ވާހަކަތަކާއި ތުހުމަތުތައް މިހާރު ކޮބައިތޯ ސުވާލު ކުރެއްވިއެވެ. އަދި މުޅި ރާއްޖޭގައި ބަނގުރާ އާންމުވެފައިވާއިރު ހަށިވިއްކުން ފެޝަނަކަށް ހަދާފައިވާ ކަމަށް ވިދާޅުވިއެވެ. މާތް ނަބިއްޔާއަށާއި އިސްލާމް ދީނުގެ ހުކުމްތަކަށް ގޮންޖެހުމާއި ޖިންސީ ފާހިޝް އަމަލުތައް އާންމުވީ ހޯމް މިނިސްޓަރަކަށް އިމްރާން ހުންނަވަނިކޮށް ކަމަށް ވިދާޅުވި އެވެ.

"ކޮބާ ކޮބާ މޭޑޭގައި ކުރި ތުހުމަތުތައް. މުޅި ރާއްޖޭގައި ބަނގުރާ އާންމުވެފައި. ހަށިވިއްކުން ފެޝަނަކަށް. ރަސޫލާއަށާއި ދީނުގެ ހުކުމްތަކަށް ގޮންޖެހުން، ޖިންސީ ފާހިޝް އަމަލު އާންމު މިވީ ކަމާއި ގުޅޭ ވަޒީރަކަށް ހުރެ. މިއީ ދީނަށް ހިދުމަތް ކުރުން،" ޖަމީލް ސުވާލު ކުރެއްވިއެވެ.

އަދާލަތު ޕާޓީ އުފެދުނީ ދީނީ އިލްމުވެރީންތަކެއްގެ ވަރަށް ބުރަ މަސައްކަތުން ދީނަށް ހިދުމަތް ކުރުމަށް ނަމަވެސް އެ މިސްރާބަށް ޕާޓީ ނުދާތީ ގިނަ އިލްމުވެރީން ވަނީ އެ ޕާޓީ ދޫކޮށްލައްވާފައެވެ. އިމްރާން، ސްޑޭންޑް ބަދަލު ކުރައްވާވަރުންނާއި ދައްކަވާ ވާހަކަފުޅުތައް ވަށައި ނުޖެހޭތީ އެ ޕާޓީވެސް ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

ދެހާސްފަސްވަނަ އަހަރުން ފެށިގެން މިހާތަނަށް އިސްލާމްދީނަށް އެންމެ ބޮޑު ހިދުމަތެއް ކުރީ އަދާލަތު ޕާޓީން ކަމަަށް ވިދާޅުވެ އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޓްވީޓެއް ކުރެއްވި ނަމަވެސް އެ ޕާޓީއަށް ވުރެ މާ ހަރަކާތްތެރި އަދި ދިވެހިރައްޔިތުން ދީނީ ގޮތުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރާ ޖަމިއްޔާތައްވެސް އެބަ ހުއްޓެވެ. އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ޖަމިއްޔަތުއް ސަލަފެވެ. ރާއްޖޭގެ އެންމެ ފުންނާބު އުސް އިލްމުވެރީން ނިސްބަތްވާ އެ ޖަމިއްޔާ ހަފްތާގެ ހަމަ ކޮންމެ ދުވަހަކު ހެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ހަރަކާތްތައް ހިންގައެވެ. ރައްޔިތުންގެ ވަރަށް ބޮޑު ޝައުގުވެރި ކަމެއް އެ ހަރަކާތްތަކަށް އޮވެއެވެ. އެ ޖަމިއްޔާގެ ހަރަކާތްތަކާއި ގާތް ކުރާ އަދަދަކަށް ވެސް އަދާލަތުގެ ދީނީ ހަަރަކާތްތަކެއް ނުފެނެއެވެ.

އަދާލަތު ގިނަ ބަޔަކު ފާހަގަ ކުރަނީ ސިޔާސީ މަސައްކަތަށް ހުސްވެ އޮތް ޕާޓީއެއްގެ ގޮތުގައެވެ.