މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ހުރަވީ ބިލްޑިން ހުރި ބިމުގައި ޕާކެއް ހަދަނީ

Jul 14, 2022
4

ހުރަވީ ބިލްޑިން ހުރި އިމާރާތް ތަޅާލައި އެތަނުގައި ޕާކެއް ހެދުމަށް ނިންމައިފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ހުރަވީ ބިލްޑިން މިމަހުގެ ނިޔަލަށް ތަޅާލައި ނިންމާ އެ ބިން ސާފުކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

އެ ބިމުގައި ކޮންމެވެސް ވަރަކަށް ވެހިކަލް ޕާކް ކުރެވޭ ގޮތަށް މުނިފޫހިފިލުވާލެވޭ ގޮތަށް ޕާކެއް ހެދުމަށް ނިންމާ ޕާކުގެ ޑިޒައިން މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން އިތުރަށް ބުނީ ޕާކުގެ މަސައްކަތް ކުރިއަށް އޮތް އޮގަސްޓް މަހުގެ ނިޔަލަށް ނިންމާލުމަކީ އަމާޒެއް ކަމަށެވެ.

ބާވެ ބޭނުން ނުކުރެވޭ ވަރުވެފައިވާ އަދި ގާތްގަނޑަކަށް 35 އަހަރުވެފައިވާ ހުރަވީ ބިލްޑިންގައި މިދިޔަ އަހަރާ ހަމައަށްވެސް ދައުލަތުގެ އޮފީސްތައް ހިންގާފައިވެ އެވެ.

ހުރަވީ ބިލްޑިން ތަޅާލުމުގެ މަސައްކަތް ފެށީ އެ އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ކަމާގުޅޭ އިދާރާތަކުން ކަނޑައެޅިތާވެސް 10 ވަރަކަށް އަހަރު ފަހުންނެވެ.

އިމާރާތް ތަޅާލުމުގެ ކުރިން އެ އިމާރާތުގައި ހުރި ބޭނުންކުރެވޭ ޒާތުގެ ތަކެތި ސަރުކާރުން ވަނީ ނީލަމުގައި ވިއްކާލާފަ އެވެ.