މޯލްޑިވްސް ޕޮލިސް ސާވިސް

ހައްޔަރު ކުރި ލަންކާ މީހާ ދުލެއް ނުކުރޭ

އިއްޔެ އޮތް ލަންކާ އިހުތިޖާޖުގެ ތެރެއިން ހައްޔަރު ކުރި ލަންކާ މީހާ އަދި ހުރީ ފުލުހުންގެ ބަންދުގައި ކަމަށް ބުނެފި އެވެ.

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ލަންކާއިން ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށް ދިވެހި ސަރުކާރުން އެހީތެރިވުމާ ގުޅިގެން ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުން އިއްޔެ ވަނީ އިހުތިޖާޖު ކޮށްފައެވެ. ލަންކާ ރައްޔިތުން މުޒާހަރާ ކުރަން އެއްވީ މާލޭގެ ކާނިވާ ސަރަހައްދަށެވެ. ސުލްހަވެރި އިހުތިޖާޖުގައި ލަންކާގެ ރައްޔިތުން އެދެމުން ދިޔައީ ފިއްލެވުމަށް ގޮޓަބަޔާ އަށް ފުުރުސަތު ނުދެއްވުމަށެެވެ. އަދި އަނބުރާ ލަންކާއަށް ފޮނުއްވާލަ ދެއްވުމަށެވެ.

ފުލުހުން ވަނީ އިހުތިޖާޖަށް ހުރަސް އަަޅާ ލަންކާ މީހުން ގެންގުޅުނު ބެނާތަކާއި ދިދަ ތައް އަތުލާފައެވެ. އަދި އެކަކު ހައްޔަރު ކުރި އެވެ.

އެ މީހާއާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން ބުނީ އެ މީހާ އަދި ހުރީ ފުލުސް ބަންދުގައި ކަމަަށެވެ. އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތެއް ނުބުނެއެވެ.

ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ސްރީ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ މިހާރު ވަނީ ރާއްޖެއިން ފުރާވަޑައިގެންފައެވެ. އެމަނިިކުފާނު ރާއްޖެއިން ފުރާވަޑައިގެންނެވީ 33 ގަޑިއިރު ރާއްޖޭގައި ހުންނެވުމަށް ފަހު ސައުދީއެއާލައިންގެ ފްލައިޓަކުންނެވެ. ގޮޓަބަޔާ އެއާޕޯޓަށް ވަޑައިގެންފައި ވަނީ ހުޅުލެއާ ދުރު ނޫން ރިސޯޓެއްގައި ހުންނެވުމަށް ފަހު މިއަދު ހެނދުނުގެ ވަގުތުގައެވެ.

ގޮޓަބަޔާ ވަޑައިގަންނަވާ ވަގުތާ ދިމާކޮށް ވީއައިއޭގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަ ކުރިއެވެ. ސައުދީއެއާލައިން ދަތުރު ކުރަނީ މާލެ އިން މެލޭޝިޔާގެ ކުއަލަލަމްޕޫރަށް އަދި ކުއަލަލަމްޕޫރުން ސައުދީގެ ޖިއްދާ އަށެވެ. މިދަތުރު ހަމަޖެހިފައި އޮތް ގޮތެއް ސާފެއް ނުވިއެވެ. ގޮޓަބަޔާ ވަޑައިގަންނަވަނީ ސިންގަޕޫރަށް ކަމަށާ އެ ގައުމުން އެމަނިކުފާނަށް ހިމާޔަތް އަރުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މެލޭޝިޔާއަށް ވަޑައިގަތުމަށް ފަހު އެ ގައުމުން ސިންގަޕޫރަށް ވަޑައިގަންނަވަނީ ކަމެއް ނުވަތަ މެލޭޝިޔާގައި މަޑުނުކުރައްވާ ސައުދީ އަަށް ވަޑައިގަންނަވަނީ ކަމެއް ޔަގީނެއް ނޫނެވެ.