ޓޫރިޒަމް

ބޯޑާ މައިލްސްގައި ބައިމިލިއަން ފަތުރުވެރިން ބައިވެރިވެއްޖެ

Jul 14, 2022

މޯލްޑިވްސް ބޯޑާ މައިލްސްގައި ބައިމިލިއަން ފަތުރުވެރިންނާއި 30 އަށް ވުރެ ގިނަ ޕާޓްނަރުން ބައިވެރިވެއްޖެ އެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ އިސް ނެގުމެއްގެ ދަށުން، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ ގުޅިގެން "މޯލްޑިވްސް ބޯޑާ މައިލްސް"ގެ ނަމުގައި ހާއްސަ އިނާޔަތްތަކެއް ލިބޭ ގޮތަށް ފަރުމާ ކޮށްފައިވާ ޕްރިވިލެޖް ޕްރޮގްރާމް ތައާރަފް ކުރީ ސެޕްޓެމްބަރު 27، 2020 ގައެވެ.

މިއީ ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ތައާރަފު ކުރި ފުރަތަމަ ފަހަރެވެ.

ބޯޑާ މައިލްސްގެ ފުރަތަމަ އެމްބެސެޑަރަކަށް ސަރުކާރުން ހަމަޖެއްސީ ސްޕޭންގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ހޯސޭ އެންރީކޭ އެވެ.

މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމް ތައާރަފް ކުރީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން ހުއްޓުމާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު އަލުން ކޮޅަށް ޖެހުމަށާއި ރާއްޖޭގެ ޓޫރިޒަމް އިތުރު ގޮތަކަށް ތަރައްގީކުރުމުގެ ވިސްނުމުގެ ތެރެއިންނެވެ.

ބޯޑާ މައިލްސްގައި ބައިވެރިވެފައިވާ ޕާޓްނަރުންގެ ތެރޭގައި ރިސޯޓްތަކާއި، ގެސްޓް ހައުސްތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ރެސްޓޯރަންޓްތަކާއި އެކްސްކާޝަންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ވެސް ހިމެނެ އެވެ. މީގެތެރޭގައި ދުނިޔޭގެ އެންމެ ބޮޑު ޓްރެވެލް ޕްލެޓްފޯމް -- އަގޯޑާ ވެސް ހިމެނެ އެވެ.

މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ބޯޑަރު ހުރަސްކޮށް ރާއްޖެ އަންނަ ޓޫރިސްޓުންނަށް ޕޮއިންޓް ލިބޭ ގޮތަށެވެ. ތިން ޕެކޭޖު ހިމެނޭ މި ޕްރޮގްރާމުގެ ބްރޯންޒް ޕެކޭޖުގެ ނަމަކީ "އައިދަ" އެވެ. ސިލްވާ ޕެކޭޖަކީ "އަންތަރަ" އަދި ގޯލްޑަކީ "އަބާރަނަ" އެވެ. ހާއްސަ ބެނެފިޓްސް ތަކެއް މި ޕެކޭޖުތަކުގައި ހިމެނޭނެ އެވެ.